ކޯވިޑް-19: އިންޑިއާއިން އައި ދިވެހިންތަކެއް ވައިރަހަށް ޓެސްޓު ކުރަނީ

އިންޑިއާގެ އެކި ސިޓީތަކަށް ދިޔަ ދިވެހިންތަކެއް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަން ނިންމައިފި އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަ...

17 Mar 2020 | 16:59

އިންޑިއާގެ އެކި ސިޓީތަކަށް ދިޔަ ދިވެހިންތަކެއް ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަން ނިންމައިފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އިންޑިއާގެ ތިން ސިޓީއަކަށް ދަތުރުކޮށްފައިވާ ފަސް މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެމީހުންނަށް ގޭގައި އައިސޮލޭޓުވެގެން ތިބެން އަންގާފައިވާނެ ކަމަށެވެ.

އެމީހުންގެ ތަފްސީލް ދެއްވަމުން މަބްރޫކް ވިދާޅުވީ އޭގެ ތެރެއިން ޓްރިވެންޑްރަމަށް ދަތުރުކޮށްފައިވަނީ އއ. އުކުޅަހު މީހަކާއި ދ. ހުޅުދެލީ މީހެއްކަމަށެވެ. ކޮޗިންއަށް ދަތުރުކޮށްފައިވަނީ ރ. ފައިނު މީހަކާއި އައްޑޫ ސިޓީ ހިތަދޫ މީހެކެވެ. އަދި ބެންގަލޫރަށް ދަތުރުކޮށްފައި އައި މީހާ ހުރީ މާލޭގައި އެވެ.

ދިވެހިންގެ ތެރެއިން މިވަގުތު ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރާ މީހުންގެ ތެރޭގައި ސްރީލަންކާއަށް ދިޔަ ޅ. ހިންނަވަރު މީހަކާއި މާލޭގައި ހުރި މީހަކު ހިމެނެ އެވެ. މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި އައިލެންޑް ސަފާރީ1 ގައި ތިބި ދެ ޓޫރިސްޓުންނާއި ގުޅުން ހުރި މީހަކު މާލޭގައި ހުރުމުން އޭނާވެސް ވައިރަހަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި އެންމެންގެ ފަރާތުންވެސް ވައިރަހުގެ އަލާމާތްތައް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ބިދޭސީންނާއި އެކު ޖުމްލަ324 ސާމްޕަލްއެއް ކޮރޯނާ ވައިރަހަށް ޓެސްޓުކޮށްފައި ވާއިރު ނަތީޖާ ނުލިބޭ25 ސާމްޕަލްއެއް އެބަ އޮތެވެ. މި ދިވެހިން ހިމެނެނީ އެ ލިސްޓުގައި އެވެ.

ރާއްޖެއިން13 މީހަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް