ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ދިރާގު މޮބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ތަކެއް ދޭން ނިންމައިފި އެވެ.
ދިރާގުން މިއަދު ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް މަންތްލީ ޑޭޓާ ޕެކޭޖުތަކުން 30 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް 15"ގެ އަގު 50 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.
ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޑޭޓާ ހިމެނޭ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނެ އެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް 500 އެމްބީ އާއި 10 ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. މިމަހަށް ހާއްސަކޮށް ދޭ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފަ އެވެ.
މި އެލަވަންސްތައް މި މަހާއި އަންނަ މަހު ލިބޭނެ އެވެ.
މީގެެ އިތުރުން ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފަ އެވެ. މީގެ އިތުރުން ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް