އައްޑޫ ސިޓީގައި ހިންގާ ސައުޓް ޕާމް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ފަތާފައި ގޮސް އެ ސިޓީގެ މީދޫއަށް އެރުމުން ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިއުން މަނާކޮށްފައި އެވެ. އެ އެންގުން އަންގާފައިވަނީ14 ދުވަހުގެ މުއްދަތަށެވެ.
ފުލުހުން މިއަދު ބުނީ އެމީހާ ފަތާފައި މީދޫއަށް އެރިކަމަށް ވަނީ އިއްޔެ މެންދުރު1:55 ހާއިރު ކަމަށެވެ. އެ މައްސަލައިގަ އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރުމުގެ ކުރިން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ޑޮކްޓަރަށް ދައްކާ އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރި ކަމަށެވެ.
މީދޫ އާއި ސައުތް ޕާމް ރިސޯޓާއި ދެމެދު އޮންނަނީ ކުޑަ ފަޅެކެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ކޮރޯނާ ވައިރަސް އާއި ގުޅިގެން ސަރުކާރުގެ އިދާޜާތަކުން އަންގާ އެންގުންތަށް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުނެ އެވެ.
ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ގޭގައި އައިސޮލޭޓްވާން އަންގާފައިވާ މީހުން ބޭރަށް ނުކުންނަ ކަމުގެ ރިޕޯޓު ލިބިއްޖެ ނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.
ރޭ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރިސޯޓުތަކުން މީހުން ދިއުން މަނާ ކުރުމުގެ މާނައަކީ ހިނގާފަ ވިޔަސް ފަތާފަ ވިޔަސް، ބައިސްކަލުގައި ވިޔަސް އަދި ކާރުގަ ވިޔަސް ނުދެވޭނެ ކަމެވެ. އެކަމާ ގުޅޭގޮތުން މަބްރޫކް ވާހަކަދެއްކެވީވެސް އައްޑޫ ސިޓީގެ އެއްފަސްކޮށް ހުރި ރަށްރަށުގައި ހަދާފައިވާ ޓޫރިސްޓު ރިސޯޓުތަކުން ވަޒީފާ އަދާ ކުރުމަށް ފަހު މީހުން ގެއަށް ދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެ އެވެ.
މަބްރޫކް ވިދާޅުވީ އެއީ ކުށެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް