މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއިގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއެކު ރާއްޖޭގެ އިޤްތިޞާދަށްކުރާ އަސަރު ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޚަރަދު ކުޑަކުރުމުގެ ގޮތުންނާއި، ޢާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިގޮތުން، ފުލުހުން ބުނީ ކެއުން ބުއިމުގައި ކުރެވޭ ޚަރަދު ކުޑަކުރުމަށާއި، ސިއްޙީގޮތުން ގައިންގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުމަށާއި، ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މާލޭގައި ޤާއިމްކުރެވިފައިވާ ފުލުހުންގެ މެސްރޫމްތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއިންކަމަށެވެ.
މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ގޮތުން ފުލުހުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލުމާއި، އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ހުއްޓާލުމާއި، ކަރަންޓާއި ފެނުގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަކުރުން ހުއްޓާލުމާއި، ކޭޓަރިންގ އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރުމާއި މީގެ އިތުރުން، އަދިވެސް އިތުރު ޚަރަދުތައް ކުރުން މަދުކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ގިނަ މުވައްޒަފުން އެއްތަނަކަށް އެއްވެ އުޅެން ނުޖެހޭނެފަދައިން މަސައްކަތްތައް ރޭވުމުގެ ގޮތުން މި ސަރވިސްއިން ކޮންމެ ދުވަހެއްގެ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ބާއްވާ 'މަސްޓަރ ޕެރޭޑް' ތައް ބޭއްވުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް