ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ޝައްކުވާ މީހުން ވައިރަހަށް ޓެސްޓު ކުރަން މިހާރު ހުރި ވަސީލަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިވަގުތު އައިޖީއެމްއެޗުގައި ކޮރޯނާ ވައިރަސްގެ ސާމްޕަލްތައް ޓެސްޓު ކުރުމުގައި އަމަލީގޮތުން މަސައްކަތް ކުރަނީ ފަސް މުވައްޒަފުން ކަމަށެވެ. އެކަމަކު އެކަމަށް މުޅި ލެބޯޓަރީ އޮންނާނީ ތައްޔާރީ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިފަހަކަށް އައިސް ރިސޯޓުތަކުންނާއި ގެސްޓު ހައުސްތަކުން އަދި ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ އެޕްޕީއޭއިން ދަނީ ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ހުރިހާ އެންމެން ވައިރަހަށް ޓެސްޓު ކުރަމުންނެވެ. މިހާތަނަށް200 އަށްވުރެ ގިނަ މީހުން ޓެސްޓު ކޮށްފައިވެ އެވެ.
މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗު ލެބޯޓަރީއަށް ލޯޑު ކުޑަކޮށް އަވަހަށް ބަހާލައިގެން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އަދި އެ ދެ ހޮސްޕިޓަލުން ވަނީ ވައިރަހާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ބޭނުން ކުރާ ޓެސްޓު ކިޓްތަކުން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރުމުން ނަތީޖާ ލިބެން ހަ ގަޑިއިރާއި12 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގައެވެ. މަގްބޫރު ވިދާޅުވީ އެއަށް ވުރެ އަވަހަށް ނަތީޖާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ކޮރޯނާ ވައިރަސް ޓެސްޓު ކުރާ ކިޓްތަކަކީ ޑަބްލިއުއެޗްއޯއިން ހަދިޔާ ކޮށްފައިވާ ކިޓްތަކެވެ. މިހާތަނަށް އެ ޖަމިއްޔާއިން60 ކިޓް ހަދިޔާ ކޮށްފައިވާއިރު އޭގެން6،000 ސާމްޕަލް ޓެސްޓު ކުރެވޭނެ އެވެ.
އެންމެ ފުރަތަމަ އެ ޖަމިއްޔާއިން ހަދިޔާ ކުރީ ދިހަ ކިޓެވެ. މިދިޔަ ހަފްތާގައި50 ކިޓް ހަދިޔާކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް