ޓީއެފްޖީން ކޮންމެ އަހަރަކު ކުރިއަށްގެންދާ ލޯންގްރަން 2018 ގެ ސްޕޮންސަރ ޕާޓްނަރުން ހަމަޖައްސައި އެ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކޮށްފި އެވެ.
މިކަމަށްޓަކައި ސޯލްޓް ކެފޭގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު ލޯންގް ރަންގެ ޓައިޓަލް ސްޕޮންސަރ ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ ހަމަޖައްސައި އެއްބަސްވުމުގައި ސޮއި ކޮށްފައިވެ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެލައިޑް އިންޝުއަރަންސް، އެސްޓީއޯ، ސޮމަރސެޓް ހޮޓެލް، ޕްރިންޓް ލެބް، އުބަރ އިވެންޓްސް އާއެކު އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވެ އެވެ.
މިއީ މި ދުވުން ބާއްވަމުން އަންނަ ހަވަނަ އަހަރު ކަމުގައިވާއިރު ޖުމްލަ 1500 ދުވުންތެރިންނަށް އަމާޒު ކޮށްގެން ބާއްވާ މި ދުވުމުގެ ހޯސްޓިންގ ޕާޓްނަރަކީ ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަނެވެ.
މި ދުވުން އެންމެ ފުރަތަމަ ޓީއެފްޖީން ބާއްވާފައިވަނީ މީގެ ހަ އަހަރު ކުރިން 2013 ގެ ފެބްރުއަރީ މަހުގެ 15އިގެ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު މި ދުވުން ބާއްވަމުން އަންނައިރު ފާއިތުވި ހަ އަހަރުވެސް މި ދުވުމުގެ މެއިން ސްޕޮންސަރަކީ ކޮކާކޯލާ އެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީ ވިދާޅުވީ ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ރޫހު ދިރުވައި، ރައްޔިތުން ދުޅަހެޔޮކަންމަތީ ބޭތިއްބުމަށް ކުރެވޭ މިފަދަ ހަރަކާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ކޮކާ ކޯލާއަށް ލިބުމަކީ އެކުންފުނިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ.
މިލިންދު ވަނީ މިފަދަ ބޮޑު އިވެންޓެއް ކާމިޔާބު ކަމާއެކު ކުރިއަށްގެންދާތީ ޓީއެފްޖީއަށް މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން މިލިންދު ވިދާޅުވީ ޓީއެފްޖީ ލޯންގް ރަން އަށް އެހީތެރިވެ ދިނުމަކީ ކޮކާކޯލާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި 15000 އަށްވުރެ ގިނަ ބައިވެރީންނާއެކު މިފަދަ ބޮޑު އިވެންޓެއް ކާމިޔާބު ކަމާއެކު ބޭއްވުމަކީ ވަރަށް ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ.
ކޮކާކޯލާ ލޯންގް ރަން 2018 އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އެވެ. އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން ދުވުން ފެށުމާ ހަމައަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ ކަމުގައި ޓީއެފްޖީން ހާމަކުރެ އެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމުގައިވެސް ޓީއެފްޖީން ހާމަކުރެ އެވެ.
ޓީއެފްޖީން ހާމަކުރާގޮތުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަވުމުންނެވެ. އަދި ކޮންމެ ކެޓަގަރީއެއްގައި ވެސް ބައިވެރި ވެވޭނީ ފީއެއް ދައްކައިގެން ކަމަށާއި އެއީ 5 ކިލޯމީޓަރު ނަމަ 15 ޑޮލަރު، 10 ކިލޯމީޓަރު ނަމަ 30 ޑޮލަރު ހާފް މެރަތަން ނަމަ 45 ޑޮލަރު އަދި މެރަތަން ނަމަ 60 ޑޮލަރު ކަމުގައިވެސް ޓީއެފްޖީން ހާމަކުރެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް