ރޭ އިދިކޮޅު އިއްތިހާދުން ކުރިޔަށް ގެންދިޔަ "ހުއްޓުވާ" މުޒާހަރާގެ ތެރެއިން 141 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ރޭގެ މުޒާހަރާ ފެށުމަށް ހަމަޖެހިފައި އޮތީ 8:30 ހާއިރު އެވެ. އެކަމަކު އޭގެ ކުރިން ފުލުހުން ވަނީ އިންޒާރު ދީ މަޖީދީމަގާއި ޗާނދަނީމަގު ގުޅޭ ސަރަހައްދުގައި އެއްވެފައި ތިބި މީހުންގެ ތެރެއިން މީހުން ހައްޔަރު ކުރަން ފަށާފައި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 139 މީހުން ކަމަށެވެ. ދޫކޮށްލާފައިވަނީ ދެ ފިރިހެނެކެވެ.
ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 113 ފިރިހެނުންނާއި، 26 އަންހެނެކެވެ. ފުލުހުންގެ ހައްޔަރުން ދެމީހުން ދޫކޮށްލި ސަބަބެއް އަދި މިހާރު ހައްޔަރުގައި ތިބި މީހުންގެ މައްޗަށް ކުރާ ތުހުމަތާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ރޭ އެސްއޯ ފުުލުހުން ނުކުމެ ތިބީ މޫނު ނިވާކޮށްގެންނެވެ. އަދި މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނާއި ކައިރިއަށް ދިއުމުން އެމީހުންނާ ކުރިމަތިލީ ސިފައިންނެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ކަރުނަގޭސް ޖަހާފައި ވެ އެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މަޖިލީސް މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދަމް އާޒިމް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް