ދުވަސްވީ މީހުންނަށް އެޕޮއިންޓްމެންޓް ހައްދައިގެން ކޯވިޑް ވެކްސިން ޖެހޭގޮތް ހަދައިފި

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުން ވީހާވެސް އަވަހ...

17 Feb 2021 | 18:19

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމް މާލޭ ސިޓީގެ ހަތަރު ވެކްސިން ސެންޓަރަކުން ހަމަޖެހިފައިވާ ކަމަށެވެ.

އުމުރުން ދުވަސްވީ ބައެއް ފަރާތްތަކަށް ސެންޓަރުތަކަށް ގޮސް ވެކްސިން ޖަހަން މަޑުކުރަން ޖެހުމުން ތަކުލީފަކަށް ވާކަމުގެ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންވެ އެ އެޖެންސީން ވަނީ އެޕޮއިންޓްމެންޓް އުސޫލުން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖަހައިދޭން ފަށާފައި އެވެ.

އެޗްޕީއޭއިން ބުނީ ސެންޓަރަކަށް ގޮސްގެން ވެކްސިން ޖަހަން ދަތިވާ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖެހުމަށް 1676 ގުޅައި ނަން ނޯޓު ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި ވެކްސިން ޖެހުމަށް ގަޑި ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.

ޕޯޓަލްގެ ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށްވެސް ގުޅައިގެން ނަން ނޯޓު ކުރެވޭނެ ކަމަށާއި ވެކްސިން ޖަހަން ސެނަހިޔާއަށް ދިޔުމުން އެ ފަރާތްތައް ޕޯޓަލްގައި ރެޖިސްޓްރީ ކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ރާއްޖޭގައި ޖުމްލަ 56،218 މީހަކަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 43،838 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 12،380 މީހުންނަށެވެ.

މިއަދު މާލޭގައި ނުވަ ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 66 ސެންޓަރެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް