މަޑަވެލީ ނަރުދަމާ އަޅަން ގެންގޮސްފައި ހުރި ބައެއް ސާމާނަށް ގެއްލުން ދީފި

ގދ. މަޑަވެލީ މަރުދަމާ އެޅުމަށް ގެންގޮސްފައި ހުރި ސާމާނަށް ބަޔަކު ގެއްލުން ދީފި އެވެ. އެ ރަށު ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގ...

17 Feb 2021 | 12:09

ގދ. މަޑަވެލީ މަރުދަމާ އެޅުމަށް ގެންގޮސްފައި ހުރި ސާމާނަށް ބަޔަކު ގެއްލުން ދީފި އެވެ.

އެ ރަށު ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަނީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގައި 12 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާއި ހަވާލު ކުރި މަޑަވެލީ ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު އެވެ.

އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކުންފުނިން ގެންގޮސްފައިވާ ސާމާނަށް ގެއްލުން ދެމުން ދަނީ މަޑަވެލީގެ ތަރައްގީ އާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުން ވަނީ ނަރުދަމާގެ މަސައްކަތަށް އެ ރަށަށް ގެންގޮސްފައި ހުރި ހައިމާކުގެ ހައިޑްރޯލިކް ހޮޅިތަކާއި ވަޔަރުހާނަސްތައް ބުރިކޮށްލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

https://twitter.com/shihadSJ/status/1361672869239906304

މަޑަވެލީ ނަރުދަމާ މަސައްކަތް ކުރާ ކުންފުނީގެ ސާމާނަށް ބަޔަކު ގެއްލުން ދިން އިރު އެ ރަށުގެ ރައްޔިތުންގެ ފެން ތާނގީތަކަށް ބަޔަކު ކަޅުތެޔޮ އަޅާފައިވާ މައްސަލައެއްވެސްވަނީ ފެންމަތިވެފައި އެވެ. އެގޮތުން މިމަަހުގެ 14 ވަނަ ދުވަހު މަޑަވެލި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގެ ރައްޔިތުންގެ ތިން ފެން ތާނގީއަށް ބަޔަކު ކަޅު ތެޔޮ އަޅާފައިވާކަން އެނގިފައިވާތީ ތާނގީތަކުގެ ފެން ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް