ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފަ އެވެ.
ފަނޑިޔާރާއި ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލަ އާއި ގުޅޭގޮތުން ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ ފަރާތް ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރުމަށް ހަސަން ސައީދު އަމުރު ނެރެފައިވަނީ ފާޅުކަން ބޮޑުގޮތެއްގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާތުތަކާއި ހިލާފަށް ކަމަށެވެ.
ފަނޑިޔާރު ހަސަން ސައީދު އެ އަމުރު ނެރުމުގައި އަމަލު ކޮށްފައިވަނީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅޭގޮތަށް ކަމަށް ބުނެ އެވެ. އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާއި މެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް އެ މައްސަލައިގަ ކަންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ޖޭއެސްސީން ބުނީ އެ އަމުރު ނެރުމުގައި އަދުލްއިންސާފު ގާއިމް ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްދައުވާ ލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިން ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ އަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ޕާސްޕޯޓު ދޫކޮށްލުމަށް ފަނޑިޔާރު ހަސަން ސައީދު އަމުރު ކުރެއްވުމާއި ގުޅިގެން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ޕީޖީ އޮފީހުންނެވެ.
ޕީޖީ އޮފީހުން ކުރިން ބުނީ އަލީ ވަހީދު ފިލައިގެން ހިނގައިދާނެ ކަމަށް ބަލައި ޕާސްޕޯޓު ދޫކޮށްލުމުގެ ބަދަލުގައި އެ އޮފީހުން ކޯޓުގައި އެދިފައިވާނީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އަލީ ވަހީދު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދޭށެވެ. އެކަމަކު ކޯޓުން އެހެން މައްސަަތަކުގައި އަމަލު ކުރާ ގޮތާއި ހިލާފަށް މި މައްސަލައިގަ އަމަލު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ/
އެގޮތުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ފަރުވާއަށް ދާން ޖެހޭ ކަމަށް ބުނެ ޑރ. މުޒުނީ ދެއްވާފައިވާ ލިޔުން އިތުރަށް ޝަރީއަތުގެ މަޖިލީހުގައި ސާފު ކޮށްދިނުމަށް އައިޖިއެމްއެޗުގެ ޑޮކްޓަރެއް ގެނެސްްފައިވާ ކަމަށާއި އެއީ މީގެ ކުރިން ކޯޓުތަކުގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް