ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓު ނުވަތަ ހައުސިން ޔުނިޓު ލިބޭނެ ކަމުގެ ލިޔުން ދައުލަތުން ދޫކޮށްފައިވާ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރ އަހުމަދު އަސްލަމް ދެއްވައިފި އެވެ.
މިނިސްޓަރު އެ ޔަގީންކަން ދެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ދައުލަތުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ގުޅީފަޅާއި ހިޔާ މަޝްރޫއާއި މާލޭ ކުދި ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދިނުމުގެ ޕްރޮގްރާމް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުން ލިޔުމެއް ދޫކޮށްފައިވާ ނަމަ އޭގައި އަގެއް ހުންނާނެ ކަމަށެވެ. އެހެން ކަމުން ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުން ފްލެޓު ނުވަތަ ބިން އަދި ގެ ލިބޭނެ ކަމުގެ ލިޔުން ލިބި އެފަދަ ބޯހިޔާވަހިކަމެއް ނުލިބޭ ފަރާތްތައް ދެން ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނޭނެ ކަމަށެވެ.
އެކަމަކު އަލަށް ފަށާ ޕްރޮގްރާމްތަކުގައި އެމީހުން ހިމެނި ކަމުގައިވިޔަސް ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމަށް ޝަރުތު ހަމަކަމަށް ބަލައި ހިޔާވަހިކަން ފޯރުކޮށްދޭނީ އަލުން އެމީހުންގެ ހާލަތު ދެނެގަނެ އެހާތަނަށް ދާއިރު ބޯހިޔާވަހި ކަން ބޭނުންވާ ފަރާތްތަކަށް ކަމަށް އަސްލަމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އެމީހުންނަށް ބޯހިޔަވަހިކަން ބޭނުން ވިޔަސް އަހަރު ދެ އަހަރު ފަހުން ފުރުސަތު ހުޅުވާލާއިރު އެމީހުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ލިބިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހިޔާ ފްލެޓުގެ ލިޔުން ލިބި ފްލެޓުގެ ފައިނަލް ލިސްޓުގައި ނުހިމެނުނު މީހުންނާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމަށް ފޯމުލީ މީހުންގެ ތެރެއިން 19،000 މީހުންނަކީ ދައުލަތުން ފޯރުކޮށްދޭ ބޯހިޔާވަހި ކަމަށް ޝަރުތު ހަމަވާ މީހުން ކަމަށެވެ. އޭގެ ތެރެއިން ފްލެޓު ނުލިބި ބާކީވި މީހުންނާއި 50 ޕޮއިންޓަށްވުރެ މަތިން ލިބުނު މީހުންގެ އިތުރުން ފްލެޓު ލިބުނު ކަމުގެ ލިޔުން ލިބި ފްލެޓުގެ ފައިނަލް ލިސްޓުގައި ނުހިމެނުނު މީހުން ކުރިޔަށް ހުރި ހައުސިން ޕްރޮޖެކްޓު ތަކުގައި ބައިވެރި ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް