އިންޑިއާއިން ދިން އަސްކަރީ މަތިންދާބޯޓުގެ އެއްބަސްވުން ހާމަ ނުކުމުން ހައިކޯޓަށް!

އިންޑިއާ އަސްކަރިއްޔާއިން ޑޯނިއާ-228 މަރުކާގެ އަސްކަރީ މަތިން ބޯޓު ރާއްޖެއަށް ދިނުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށް ދެކޮޮޅު ހެދި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަނ...

17 Feb 2021 | 07:21

އިންޑިއާ އަސްކަރިއްޔާއިން ޑޯނިއާ-228 މަރުކާގެ އަސްކަރީ މަތިން ބޯޓު ރާއްޖެއަށް ދިނުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށް ދެކޮޮޅު ހެދި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

މި މައުލޫމާތު ހޯދަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅީ "ދިޔަރެސް އޮންލައިން" ގެ ފަރާތުންނެވެ. ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ދޭން ދެކޮޅު ހެދުމުން އެ ނޫހުން ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައި އެވެ.

މި މައްސަލައިގަ މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެލުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ނިންމަވާފައިވަނީ "ދިިޔަރެސް" އިން ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ އެއްބަސްވުން ހާމަކުރުމަށްވުރެ ނުކުރުމުން މަސްލަހަތު ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ގައުމީ ސަލާމާތާއި ގުޅުން ހުރި ކަމެއް ކަމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

މިމައްސަލައިގަ މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑުއެހުންތަކުގައި ދިޔަރެސްއިން ހޯދަން ބޭނުންވާ މައުލޫމާތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ޖަވާބު ދީފައިނުވާ ކަމަށް އެ ނޫހުން ބުނެ އެވެ.

އެހެންވެ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައި އެވެ.

މިއީ ޑިފެންސް މިނިސްޓްރީން މާއުލޫމާތު ހާމަ ނުކޮށްގެން ދިޔަރެސް އިން އެ މިނިސްޓްރީ ގޮވައިގެން ހައި ކޯޓަށް ދާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާ ކުރަން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީ އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް