ރ. އަތޮޅުގައި ހިންގާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް، މާމުނަގައު ރިސޯޓުން ސްނޯކްލިންގްއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަބަރެއް އަދިވެސް ނުވާ ކަމަށް އެމްއެންޑިއެފުން ބުނެފި އެވެ.
އެ ފަތުރުވެރިޔާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 8:58 ހާއިރު އެވެ. ގެއްލިގެން ހޯދަމުން ދަނީ އަންހެން ފަތުރުވެރިއެކެވެ.
އެމްއެންޑީއެފްއިން ބުނީ އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ފަތުރުވެރިޔާ ހޯދުމަށް އެމްއެމްޑީއެފުން ޑޮނިއާ ފްލައިޓާއި ކޯސްޓްގާޑު ކަނޑު އުޅަނދުތައް ބޭނުން ކުރުމުގެ އިތުރުން ޑައިވްކުރަމުން ދެ އެވެ.
މިހާތަނަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓު ބޭނުންކޮށްގެން 500 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ކަނޑުމަގުން ކޯސްޓްގާޑު ލޯންޗުތަކުގައި 66 ނޯޓިކަލް މޭލުގެ ސަަރަހައްދެއް ވަނީ ބަލާފައި އެވެ.
މީގެއިތުރުން ޑައިވްކޮށްގެން އެމީހާ ގެއްލުނު ސަރަހައްދުގެ 1549162 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވެ އެވެ. މި މަސައްކަތުގައި ކޯސްޓްގާޑް ޑައިވަރުންނާއި އެ ރިސޯޓު ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމީހާ ސްނޯކްލިންއަށް ދިޔައިރު ލައިގެން ހުރީ ރަތްމާ ޖެހި މޫދު ހެދުމެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމީހާ ސްނޯކްލިންއަށް ދިޔައީ އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް