ކޯވިޑް-19 ގެ މިހާރުގެ ހާލަތާއިމެދު މަޝްވަރާ ކުރުމަށް ސަރަހައްދީ ގައުމުތަކުގެ ބައްދަލުވުމެއް ބާއްވަން އިންޑިއާއިން ރާވައިފިއެވެ.
އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި ބައްދަލުވުން ބާވަން އެ ގައުމުން ވިސްނަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ. މި ބައްދަލުވުމުގައި ސަރަހައްދީ ގައުމުތަކުގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް ބުނެފައިވެއެވެ. އަދި އަވަށްޓެރި ޕާކިސްތާނަށްވެސް ދައުވަތު އަރުވާފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރު، ކޮވިޑް ހާލަތު އެންމެ ގޯސްވެގެން ދިޔައިރުވެސް އިންޑިއާއިން އިންތިޒާމް ކޮށްގެން ސަރަހައްދީ މިފަދަ ފޯރަމެއް ބާއްވާފައިވެއެވެ. އެ ފޯރަމުގައި ގައުމުތަކުގެ އިސްވެރިން ބައިވެރިވިއެވެ.
ކޮވިޑް ހާލަތާއިމެދު މަޝްވަރާ ކުރުމަށް ސަރަހައްދީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް އިންޑިއާއިން މަސައްކަތް ކުރަމުން އަންނައިރު އިންޑިއާއިން އަންނަނީ ވެކްސިން ޑިޕްލޮމެސީގައި އެކުވެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން މިޔަންމާއަށް 1.7 މިލިޔަން ޑޯޒް، ނޭޕާލަށް އެއް މިލިޔަން ޑޯޒް، ބޫޓާނަށް އެއް ލައްކަ 50 ހާސް ޑޯޒް، ސީޝެލްސް އަށް 50 ހާސް ޑޯޒް، ލަންކާއަށް ފަސް ލައްކަ ޑޯޒް، އަފްގާނިސްތާނަށް ފަސް ލައްކަ ޑޯޒް ރާއްޖެއަށް އެއް ލައްކަ ޑޯޒް، މޮރިޝަސް އަށް އެއް ލައްކަ ޑޯޒް ހަދިޔާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް