ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުގެ އާރްބީ ލައިޕްޒީގް އާއި ދެކޮޅަށް ކުޅުނު މެޗުން އިނގިރޭސި ކުލަބް ލިވަޕޫލުން މޮޅުވެ ކުއާޓާފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
ހަންގޭރީގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ޖަރުމަނުގައި ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް އެ ގައުމުގައި ކޮވިޑް ހާލަތު ގޯސްވުމައި ގުޅިގެން މި މެޗު ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އޮވެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ. ލިވަޕޫލުން ލަނޑުޖަހާ މެޗުގެ ލީޑު ނެގީ 53 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ.
މި ލަނޑު ޖެހިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލައިޕްޒީގް އަށްވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް އެޓީމަށް ލިބުނު މި ފުރުސަތު ވަނީ ބޭކާރުކޮށްލާފައެވެ. މި މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ސަޑިއޯ މާނޭ ކާމިޔާބުކުރި ލަނޑުންނެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ލައިޕްޒިގް ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ އަންނަ މާރޗް މަހުގެ 11 ގައެވެ. މި މެޗު ކުޅޭނީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް