ޗެމްޕިއަންސް ލީގު: އެމްބާޕޭގެ ހެޓްރިކާއެކު ބާސެލޯނާ ބަލިކޮށް ޕީއެސްޖީން ކުއާޓާއާއި ގާތަށް ޖެހިލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ16 ގެ މެޗުތައް ރޭ ފެށުނު އިރު ރޭގައި ވަނީ ދެ މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލުކުރާ މެޗަށެވެ. ...

17 Feb 2021 | 04:22

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ16 ގެ މެޗުތައް ރޭ ފެށުނު އިރު ރޭގައި ވަނީ ދެ މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލުކުރާ މެޗަށެވެ.

ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ޕީއެސްޖީއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މި މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ބާސެލޯނާ ރޭގެ މެޗުން ބަލިވީ1-4 ގެ ބޮޑު ނަތީޖާއަކުންނެވެ.

ރޭގެ މި މޮޅާއި އެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ އުންމީދު ޕީއެސްޖީން އާކުރިއިރު، މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ކީލިއަން އެމްބާޕޭގެ ކުޅުމެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ނޭމާ އާއި ޑިމާރިއާ ކުޅެފައެއް ނުވެއެވެ.

މެޗުގައި ބާސާއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނ ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ފްރެންކީ ޑި ޔޮންއަށް ފައުލުކުރުމާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީއާއި އެކު ބާސާ ލީޑުގައި އޮތް ނަމަވެސް ބާސާއަށް ލީޑު ހިފަހައްޓާލެވުނީ މަދު ވަގުތުކޮޅަކަށެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން އެމްބާޕޭ ވަނީ ލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އމްބާޕޭ ޖެހީ ބާސާގެ ޑީފެންސްލައިން ތެރެއަށް ވަދެ މުޅި ޑިފެންސް ފޫއަޅުވާލުމަށްފަހުގައެވެ.

މި ނަތީޖާއާއި އެކު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ވެސް ފެށިގެން ދިޔައީ ޕީއެސްޖީގެ ވަރުގަ ކުޅުމާއި އެކުގައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލޯނު އުސޫލުން ދާދިފަހުން އެވަޜޓަން ދޫކޮށް ޕީއެސްޖީއާއި ގުޅުނު މޮއިސް ކީންއެވެ

މެޗުގައި އެމްބާޕޭ ހެޓްރިކް ފުރިހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މި ހާފުގައި ބާސާއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ޕީއެސްޖީގެ ފަހަތް ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގު ކުޅޭނީ އަންނަ މާރޗް 11 ގައެވެ. މި މެޗު ކުޅޭނީ ޕީއެސްޖީގެ އަމިއްލަ ދަނޑުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް