އާސަންދަ ޕޯޓަލަށް ނުވަދެވޭތީ ޑޮކްޓަރު ޑިއުޓީއަށް ލަހުން އަތުވެއްޖެ

މިއީ މާލޭގައި މިއަދު ހަވީރު ދިމާވި ހާދިސާ އެކެވެ. މީހަކު މިއަދު މާލޭގެ ކްލިނިކަކަށް ޑޮކްޓަރަށް ދައްކަން ދިޔައީ ހަމުގެ މައްސަލައެއް އުޅޭތާ ދެތިން ދުވަހެއް ވެފައިވާތީ އެކަމުގެ ހައްލެއް ހޯދުމުގެ ނިޔަތުގަ...

17 Jan 2021 | 18:13

މިއީ މާލޭގައި މިއަދު ހަވީރު ދިމާވި ހާދިސާ އެކެވެ.

މީހަކު މިއަދު މާލޭގެ ކްލިނިކަކަށް ޑޮކްޓަރަށް ދައްކަން ދިޔައީ ހަމުގެ މައްސަލައެއް އުޅޭތާ ދެތިން ދުވަހެއް ވެފައިވާތީ އެކަމުގެ ހައްލެއް ހޯދުމުގެ ނިޔަތުގަ އެވެ.

މުޙައްމަދު (ފުރިހަމަ ނަމެއް ނޫން) މިއަދު ނޫހަށް ބުނީ ލިބުނީ ވެސް ވަރަށް އަވަސް ނަމްބަރެއް ކަމަށާއި ލަފާކުރެވޭގޮތުން އެ ޑޮކްޓަރު ކޮންމެ ދުވަހަކުވެސް ބައްލަވަނީ އެ ޢަދަދަށް ކަމަށް ވެދާނެ ކަމަށެވެ.

ޑޮކްޓަރު ބައްލަވަން ފައްޓަވާ ގަޑި ޖެހުމާ ވަރަށް ގާތްވެސް ވެފައިވާތީ، އެ ކްލިނިކްގައި މަޑުކޮށްލައިގެން އިނީ ކަމަށް މުޙާއްމަދު ބުންޏެވެ.

ޑޮކްޓަރު ބައްލަވަން ފައްޓަވާ ގަޑި ޖެހިގެން ހިނގައްޖެ އެވެ. ނަމަވެސް ޑޮކްޓަރު އިންނަވާކަމަށް ރިސެޕްޝަނުން ދެއްކި ކޮޓަރިއަށް އެއްވެސް މީހަކު ނުވަދެ އެވެ. މިކަމާ ބައެއް މީހުން ވަރަށް ނުރުހުން ފާޅުކުރި އެވެ.

ޑޮކްޓަރު ބައްލަވަން ފައްޓަވާނެ ކަމަށް ބުނި ގަޑިއަށްވުރެ ގާތްގަޑަކަށް 45 މިނެޓް ވެގެންދިޔަ އިރުވެސް، ޑޮކްޓަރު ނާންނާތީ ގާތްގަޑަކަށް ހައެއްކަ މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ހުރި މީހަކު ރިސެޕްޝަނުގައި ސުވާލު ކުރުމުން، 5 މިނެޓުގެ ތެރޭގައި ޑޮކްޓަރު ދުރުވާނެ ކަމަށް ބުންޏެވެ.

ނަމަވެސް 5 މިނެޓް، 10 މިނެޓަށް އަދި 30 މިނެޓަށް ވެގެންދިޔަ އިރުވެސް ޑޮކްޓަރު ނައުމުން އަނެއްކާވެސް އެއްކަލަ މީހާ (ތުއްތުކުއްޖާ ގޮވައިގެން ހުރި) ޝަކުވާ ކުރިއެވެ. މިފަހަރު ރިސެޕްޝަނުން ބުނީ ޑޮކްޓަރު ލަސްވާނެކަމެއް ނުވަތަ ލަސްވީ ސަބަބެއް އަންގާފައިނުވާ ކަމަށެވެ.

ކޮންމެއަކަސް ގަޑިއެއްހާ އިރުފަހުން ޑޮކްޓަރު ވަޑައިގެން ރިސެޕްޝަނުގައި ވިދާޅުވީ އާސަންދަ ޕޯޓަލަށް ވަދެވޭތޯ ބެލުމަށެވެ. އެ ޕޯޓަލަށް ވަދެވޭކަމަށް ބުނުމުން، ޑޮކްޓަރު ވިދާޅުވީ ލަސްވީ "އާސަންދަ ޕޯޓަލަށް ނުވަދެވިގެން" ކަމަށެވެ.

ހައިރާން ވިއެވެ. ގަޑިއަކަށް ޑިއުޓީއަށް ތަނަކަށް ޚާއްސަކޮށް ޑޮކްޓަރުން ފަދަ ޒިންމާދާރު ފަރާތްތަކުން މިފަދަ ކަމަކާހުރެ ލަސްވުމުން ނެވެ. އެ ޑޮކްޓަރަށް މިއަދު މުހިންމު ވީ އާސަންދަ ޕޯޓަލަށް ވަނުމެވެ. ބަލި މީހުންގެ ގާތަށް ދިއުމެއް ނޫނެވެ.

ކޮވިޑް-19 ގެ މިފަދަ ހާލަތެއްގައި ހޮސްޕިޓަލު، ކްލިނިކް، އެއަރޕޯޓު ފަދަ ތަންތަނަކީ މިބަލި އަވަހަށް ފެތުރޭފަދަ ތަންތަން ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން އަންނަ އިރު، މި ޑޮކްޓަރަށް އެކަން ނުވިސްނުނީތީ ދެރަވެ. ހިތާމަ ކުރަމެވެ.

ތުއްތު ކުދިން ގޮވައިގެން އެހާ ގިނަ އިރު، އެފަދަ ތަންތަނުގައި ތިބެން ޖެހުމަކީ ހިތާމަހުރި ކަމެކެވެ.

އެކަމަކުވެސް ކުރާނެ ކަމެއް ނެތެވެ. ބައެއް ޑޮކްޓަރުންގެ ހާލަތީ މިއީ އެވެ.

ބަލި މީހުންނަށް ވުރެ، ޕޯޓަލެއް މުހިންމުވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް