ވޯޓާސް ލިސްޓާއި ގުޅޭގޮތުން މެމްބަރުން ދެއްކެވި ވާހަކައަށް އީސީގެ ޖަވާބު!

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އުމުރުން 18 އަހަރު ފުރިފައިވާ ގިނަ ޒުވާނުންނަށް ވޯޓު ނުލެވޭގޮތަށް ވޯޓާސް ލިސްޓު އޮތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމް...

17 Jan 2021 | 14:06

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އުމުރުން 18 އަހަރު ފުރިފައިވާ ގިނަ ޒުވާނުންނަށް ވޯޓު ނުލެވޭގޮތަށް ވޯޓާސް ލިސްޓު އޮތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްދު ދީފި އެވެ.

މެމްބަރުން ކަންބޮޑުވުން ފާޅު ކުރެއްވީ ކައުންސިލް އިންތިހާބު ފަސްކުރަން ޖެހިފައިވާއިރު އަލުން އިންތިހާބު ބާއްވާއިރު ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެވެ. އެގޮތުން ވޯޓާސް ލިސްޓާއި ގުޅޭ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތައް ކުރު ނުކުރުމަށް އެދިފައިވަޑައިގެންނެވި އެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓު އާންމު ކުރާނީ އިންތިހާބު ބާއްވާ ދުވަހަށް 18 އަހަރު ވާ އެންމެންގެ ނަމާއި އެކު ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓާސް ލިސްޓު އާންމު ކުރާނީ ދެވަނަ ބުރު ބާއްވާ ތާރީހަށް 18 އަހަރު ފުރޭ މީހުންގެ ނަމާއި އެކު ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގަ މިއަދު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓު ލެވޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށެވެ. އެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ނުލިބިއްޖެ ނަމަ ކައުންސިލް އިންތިހާބު ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ އެ ހައްގު ޒުވާނުންނަށް ލިބޭނެ ގޮތް ގާނޫނުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ވޯޓުލާ މީހުންގެ ލިސްޓު އާއްމު ކުރުމަށް ފަހު، ޝަކުވާ ހުށަހަޅަން ގާނޫނުގައި އޮންނަ 10 ދުވަސް ފަސް ދުވަހަށް ހަދަން ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނުގައި ހިމަނާފައިވާތީ އެއީ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އިންތިހާބު އަވަސް ކުރުމަށް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ ބަހުސް މަރުހަލާ މިއަދު ވަނީ ފަށާފައި އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރިލް ތިން ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް