އެސްޑީއެފްސީން މިދިޔަ އަހަރު 2،510 މީހަކަށް ލޯނު ދޫކުރި

މިދިޔަ އަހަރު 2،510 މީހަކަސް ލޯނު ދޫކޮށްފައިވާ ކަމަސް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ. އެސްޑީއެފްސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތ...

17 Jan 2021 | 12:23

މިދިޔަ އަހަރު 2،510 މީހަކަސް ލޯނު ދޫކޮށްފައިވާ ކަމަސް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފި އެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށ އުފައްދާފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީން ބުނީ، މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދިމާވި މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދޫކުރި ލޯނު ކަމަށް ބުނެފައިވެ އެވެ.

އެސްޑީއެފްސީން މިދިޔަ އަހަރު ދޫކުރި ލޯނުތަކުގެތެރެއިން ކޯވިޑް-19ގެ ލޮކްޑައުންއަށްފަހު، 420 މިލިއަން ރުފިޔާ، 320 ފަރާތަކަށް ދޫކޮށްފައިވެ އެވެ. އަދި ކޯވިޑް-19 އިގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް، 2،205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ބުނެ އެވެ.

ކޯވިޑްގެ ލޮކްޑައުނަށް ފަހު ދޫކުރި ލޯނުތަކަކީ މިއީ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އިގްތިޞާދީ ރިކަވަރީ ޕެކޭޖުގެ ދަށުން ދޫކުރެވިފައިވާ ލޯނު ތަކެކެވެ. އޭގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝަލް ވިޔަފާރިތަކަށެވެ.

އެސްޑީއެފްސީން ބުނީ މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދީފައިވާކަމަށެވެ.

މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިން ވަނީ ލޯނު ދޫކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް ދޫކޮށްފައިވާ ލޯނު ތަކުގެ ތެރެއިން 33 ޕަސެންޓު ލޯނަކީ، އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް