ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގަ މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަން ތާވަލު ކުރި ޝަރިއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މި މައްސަލައިގަ ދައުލަތުން ދައުވާކޮށްފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.
ޝަރީއަތުގެ އަޑު އެހުން ތާވަލު ކުރުމަށްފަހު ކެންސަލް ކުރީ އަދުހަމްގެ ވަކީލު އެކަމަށް އެދިގެން ކަމަށް ކްރިމިނަލް ކޯޓުން މީޑިއާގައި ބުނެފައިވެ އެވެ. އޭނާގެ ވަކީލު އެގޮތަށް އެދުނީ އަދުހަމް އާއި ވަކީލާއި ބައްދަލުވުމުގެ ފުރުސަތު ލިބިފައި ނުވާތީ އެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގައި އަދުހަމް ވަނީ އޭނާގެ ކުށަށް އިޢުތިރާފްވެފަ އެވެ. އަދުހަމް އެތުހުމަތަށް އިޢުތިރާފްވެފައިވާތީ ކުރިރިއަށް ގެންދިޔަ އަވަސް ނިޔާގެ ޝަރިޢަތުގެ ފަހުގެ އަޑުއެހުމުގައި އޭނާ ވަނީ ކުރިންވި، އިއުތިރާފްތައް އަނބުރާ ގެންގޮސް ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
އެހެންކަމުން އަވަސް ނިޔާގެ ޝަރީޢަތުގެ މަރުހަލާ މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.
ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ. މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ގާސިމް ހަސަންއަށް ހަމަލާދީފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް