ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅޭގޮތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމަން ޖެހޭ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ނިޔާޒު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސާ ގާނޫނު އިސްލާހު ކުރުމަށް މިއަދު ކުރިޔަށް ގެންދާ ދައުރުން ބޭރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ނިޔާޒެވެ.
މިއަދުގެ މަޖިލީސް ޖަލްސާގައި އެ އިސްލާހާއ ގުޅޭގޮގޮތުން ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބު އަވަސް ކުރަން މި ގާނޫނަށް އިސްލާޙު ގެނައުމުން އެކަނި ނުނިމޭ ކަމަށެވެ. ނިޔާޒު ވިދާޅުވީ އިންތިހާބު ވީހާވެސް އަވަސް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ އިންތިހާބާއި ބެހޭ ތިން މައްސަލަ ވީހާވެސް އަވަހަކަށް ނިންމަން ޖެހޭ ކަމަށެވެ.
އަދި އެ މައްސަލަތައް ކޯޓުގައި އަވަހަށް ކުރިޔަށް ގެންގޮސް ނިންމާލުމަށް އިދިކޮޅު ޕީޕީއެމްގެ އެއްބާރުލުން ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ. ނިޔާޒު ވިދާޅުވީ ޕީޕީއެމްއިން މިކަމުގައި އަވަސް ނިންމުމެއް ނިންމުމަށް ގޮވާލަން ޖެހެނީ ދެފަހަރު އެއްގޮތަށް ވާހަކަ ނުދައްކާތީ ކަމަށެވެ.
އެގޮތުން އެއް ދުވަހު ރަށްރަށް ލޮކްޑައުން ކުރަން ގޮވާލާ ބަޔާން ނެރުމަށް ފަހު އަނެއް ދުވަހު އިންތިހާބަށް ކެމްޕެއިން ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ބަޔާން ނެރޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެހެންވެ ނިޔާޒު ގޮވާލައްވާފައިވަނީ ކޯޓަށް އިންތިހާބާއި ގުޅޭގޮތުން އިދިކޮޅުން ހުށަހެޅި މައްސަލަތައް އަނބުރާ ނަގައި އީސީއަށް އެއްބާރުލުން ދިނުމަށެވެ.
މިހާރު ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލައާއި، އަލުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެއް ހިމެނެ އެވެ.
މީގެ އިތުރުން ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅަން އިދިކޮޅުން ތައްޔާރުވާ ކަމުގެ މައުލޫމާތު ލިބެ އެވެ.
ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ ތިން ވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހު އިންތިހާބު ބޭއްވޭނީ މިމަހު 31 ގެ ކުރިން ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް މަޖިލީހުން އިސްލާހު ގެނެސް ފާސްކޮށްފި ނަމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް