މިފަހަކަށް އައިސް، އުޅަނދު ފަހަރު އެޅުމަށްޓަކައި މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގައި ތާށިވެ، އެންމަޑި މަރުވަމުންދިއުމުގެ ހާދިސާތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސްކޮށްފިއެވެ.
މި އެޖެންސީގެ ނޫސްބަޔާނުގައި ވަނީ، އުޅަނދު ފަހަރު އެޅުމަށްޓަކައި، މޫދުގައާއި ކަނޑުގައި އަޅާފައިވާ ވައުތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުންތަކަށް ގެއްލުންނުވާނެ ގޮތަށް، މިފަދަ "މޫރިންގ ސިސްޓަމް"ތައް ފަރުމާކޮށް އެޅުމަށް އިލްތިމާސްކުރާކަމަށެވެ.
އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިޞޯދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ އޭޖެންސީން ހާމަކުރެއެވެ.
ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައި ވަނީ 2014 ޖޫން 16ގައެވެ. އެއީ ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ރާއްޖެއިން ފެންނަ އެންމަޑިގެ ދެބާވަތަކީ (އިންޓަރ ނޭޝެނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް ނޭޗާ) އައި.ސީ.ޔޫ.އެން ރެޑްލިސްޓް ގައި "ވަލްނަރަބަލް" ދިރުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ދިރުންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް