ކޮލަމް މާރެސް: މިއީ އެއްވެސް މީހަކު އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫން!

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަހުގެ އަގު ދަށަށްދާ ވާހަކަ މަސްވެރިން މި ބުނަނީ ކީއްވެހެއްޔެވެ. މަސްވެރިކަން ރަނގަޅު ވުމަކީ އާމްދަނީ އިތުރުވާންވީ ކަމެއް ނޫންހެއްޔެވެ. ފެންނަ ފެނުމަށް މިއީ ސުވާލުއުފެދ...

16 Dec 2025 | 06:29
މަސް މާރުކޭޓަށް ބަޔަކު މަސް ބާލާ މަންޒަރު - ފައިލް ފޮޓޯ: ދުވަސް

މަސް މާރުކޭޓަށް ބަޔަކު މަސް ބާލާ މަންޒަރު - ފައިލް ފޮޓޯ: ދުވަސް

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަހުގެ އަގު ދަށަށްދާ

ވާހަކަ މަސްވެރިން މި ބުނަނީ ކީއްވެހެއްޔެވެ. މަސްވެރިކަން ރަނގަޅު ވުމަކީ އާމްދަނީ

އިތުރުވާންވީ ކަމެއް ނޫންހެއްޔެވެ. ފެންނަ ފެނުމަށް މިއީ ސުވާލުއުފެދޭ، ނުވަތަ ވަރަށް

ހަމަނުޖެހޭ ކަމެކެވެ. ނަމަވެސް މިއީ ހީކުރާވަރަށްވުރެ ސީދާސާދާ ކަމެކެވެ. މިއީ ރާއްޖޭގައިވެސް

އަދި ދުނިޔޭގެ އެހެން ތަންތަނުގައިވެސް، މާރކެޓް މަސައްކަތްކުރާގޮތެވެ. އާދެ، އިޤުތިޞާދީ

ހަގީގަތަކީ މިއީއެވެ. މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު ގަދަވެފައިވާ މި ދުވަސްވަރު،

މި ލިޔުމުގައި ކުރުގޮތަކަށް މި ބަލައިލަނީ މިކަން ހިނގާގޮތަށެވެ.

ފުރަތަމަ ކަމަކަށް، މަސްވެރިކަން ރަނގަޅު ދުވަސްވަރު

ބާނާ ހުރިހާ މަހެއް އެއްފަހަރާ ގަތުމަކީ، މަސް ގަންނަ ފަރާތްތަކަށް ކުރެވޭނެ ކަމެއް

ނޫނެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު، އެތަކެއް ސަތޭކަ ނުވަތަ ހާސް ޓަނެއްގެ މަސް،

އެތަކެއް ސަތޭކަ ދޯނިތަކަކުން، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބާނާލައެވެ. ނަމަވެސް

މަސް ގަންނަ ފަރާތްތަކުގެ ކިބައިގައި، އެއީ އަމިއްލަ ކުންފުނިތައް ކަމަށްވިޔަސް ނުވަތަ

ސަރުކާރު ހިއްސާވާ ކުންފުންޏެއް ނަމަވެސް، ހައްދުތަކެއް ނުވަތަ ލިމިޓްތަކެއް ހުރެއެވެ.

އޭގެ ތެރޭގައި؛

•  ފިނިކުރާ ނިޒާމުތަކުގެ ޖާގަ ކުޑަވުން

•  ޓްރާންސްޕޯ ކުރުމުގެ ގާބިލުކަން ކުޑަވުން

•  އެކްސްޕޯޓުކުރާ އޯޑަރުގެ ސައިޒު ކުރީބައިގައި ކަނޑައަޅާފައި

ހުރުން

•  ކޮލިޓީ ބެލުމަށް ވަކި ވަގުތެއް ކަނޑައެޅިފައިވުން ހިމެނެއެވެ.

މަސް ގަންނަ ފަރާތްތަކަށް ވަގުތުން ޕްރޮސެސްކޮށް ނުވަތަ

އެކްސްޕޯޓުކުރެވޭނެވަރަށްވުރެ މާ ގިނައިން މަސް ލިބިއްޖެނަމަ، ގަންނަ އަގު ދަށަށްދިއުމަކީ

އިޤުތިޞާދީ ޠަބީޢަތެވެ. މިއީ ސަރުކާރުން މަސްވެރިންނަށް "އޮޅުވާލަން" މަސައްކަތްކުރާތީ

ވާކަމެއް ނޫނެވެ. މިއީ ސިސްޓަމަށް ބަލައިގަނެވޭ ވަރަށްވުރެ ގިނައިން ސަޕްލައި (މަސް)

ކުއްލިއަކަށް އިތުރުވުމުން ވާ ކަމެކެވެ. އަނބު މޫސުމުގައި އަނބުގެ އަގު ދަށަށްދާ ބީދައިންނެވެ.

ފޮޓޯ: މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޮޓް

ދެވަނަކަމަކަށް، ދިވެހިރާއްޖޭގައި މަސްވެރިކަން ރަނގަޅުވިޔަސް،

ދުނިޔޭގެ މާކެޓަށް އޭގެ ސަބަބުން ބަދަލެއް ނާދެއެވެ. ދިވެހި މަސްދޯނިފަހަރުތަކުން،

އާދަކޮށް ބާނާ މިންވަރަށްވުރެ ކިތަންމެ ގުނައެއް ގިނައިން މަސް ބޭނިޔަސް، އެއާއި އެއްވަރަށް

ދުނިޔޭގެ މާކެޓުގައި ޑިމާންޑު އިތުރެއް ނުވެއެވެ. ސުޕަމާކެޓުތަކާއި، ކޭނަރީތަކާއި،

އަދި ހޯލްސޭލަރުން މަސް ގަންނަނީ ދިގު މުއްދަތުގެ ކޮންޓްރެކްޓުތަކުގެ ދަށުންނެވެ. އެއް

ގައުމަކަށް މަސްވެރިކަން ރަނގަޅު ހަފްތާއެއް ކުރިމަތިވިޔަސް، އެމީހުން ގަންނަ އަގު

ވަކި ބޮޑެއް ނުކުރެއެވެ. ވީމާ، ބައިނަލްއަގުވާމީ މާރކެޓުގައި މަސް ގަންނަ އަގު ދަށްކޮށް

ހުންނަހާ ހިނދަކު، ގްލޯބަލް ކަސްޓަމަރުން ދޭން ބޭނުންވާ އަގަށްވުރެ ބޮޑު އަގެއް މަސްވެރިންނަށް

ދިނުމުގެ ޤާބިލުކަމެއް މަސް ގަންނަ ދިވެހި ކުންފުނިތަކުގެ ކިބައިގައި ނުހުންނާނެއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަހުގެ އަގު ދަށަށްދިޔުމުން މަސްވެރިން ކަންބޮޑުވަނީ

މި ސަބަބާހުރެ ކަމަށް ބެލެވެއެވެ.

ތިންވަނަ ކަމަކަށް، މަސް ގަންނަ އަގު ބޮޑުކުރުމަކީ މަސްވެރިން

އަބަދުވެސް އެދޭ ގޮތްކަމުގައިވިޔަސް، އެއާއި ގުޅިގެން އެތަކެއް އިތުރު މައްސަލަ ތަކެއް

ކުރިމަތިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މަސްވެރިންގެ އިހުސާސްތައް އަޑު އިވުމާއިއެކު

އަހަރެމެންގެތެރެއިން އެއްބަޔަކު ވަކާލާތު ކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން

މަސް ގަންނަ އަގު ބޮޑުކުރުމަށެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ފޮރުވިފައިވާ އެއް

މައްސަލައަކީ، ސަރުކާރު ކުންފުންޏަކުން، ބައިނަލްއަޤުވާމި މާރކެޓްގައި މަސް ގަންނަން

ލިބޭ އަގަށްވުރެ ބޮޑު އަގެއް މަސްވެރިންނަށް ދީފިނަމަ، ކޮންމެ ކިލޯއަކުންވެސް އެ ކުންފުންޏަށް

ގެއްލުންވުމެވެ. އެ ގެއްލުން ދަނީ ކޮންތާކަށް ހެއްޔެވެ؟ އާޚިރުގައި އެ ގެއްލުން ދާނީ

ސަރުކާރުގެ ބަޖެޓަށެވެ. އޭގެ ނަތީޖާއަކަށް ވާނީ، ތަޢުލީމީ ދާއިރާއަށް ނުވަތަ ޞިއްޙީ

ދާއިރާއަށް، ނުވަތަ އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރުމަށް ބަޖެޓު ކުރެވޭ ފައިސާ

މަދުވުމެވެ. ނުވަތަ ސަރުކާރުގެ ދަރަނި އިތުރުވުމެވެ. ނުވަތަ މުސްތަގުބަލުގައި ޚަރަދު

ކުޑަކުރަން ޖެހުމެވެ. މި ސަބަބަށްޓަކައި މަސް ގަންނަ އަގު ބޮޑުކުރުމަކީ ބުނެލާހާ ފަސޭހަ

ކަމެއް ނޫނެވެ. މިއަދު އެކަމުން ވަގުތީފައިދާއެއް ކުރި ނަމަވެސް، އޭގެ ސަބަބުން މާދަމާ

ދައުލަތުގެ މުޅި މާލީ ނިޒާމު ބަލިކަށިވެގެން ހިނގައިދާނެއެވެ.

ހަތަރުވަނަ ކަމަކަށް، މަސްވެރިންގެ ކަންބޮޑުވުންތަކަކީ

ޙައްޤު ކަންބޮޑުވުންތަކެއް ނަމަވެސް، އިޤުތިޞާދީ ހައްދުތަކަކީވެސް ޤަބޫލުކުރަންޖެހޭ

ހަގީގަތެކެވެ. މަސްވެރިން ބޭނުންވަނީ ދެމެހެއްޓެނިވި އާމްދަނީއެކެވެ. އެމީހުން ބޭނުންވަނީ

އެއްވަރެއްގައި ހިފެހެއްޓިފައިވާ އަގުތަކެކެވެ. އޭގެ ޒާތުގައި އެއީ މައްސަލައެއް ނޫނެވެ.

ނަމަވެސް މަސް ގަންނަ ފަރާތްތަކަށް، އެއީ ސަރުކާރުކަމަށް ވިޔަސް ނުވަތަ އަމިއްލަ ކުންފުންޏެއް

ކަމަށްވިޔަސް، ދުނިޔޭގެ މާކެޓުން ޤަބޫލުނުކުރާ އަގެއް ދިނުމުގެ ޤާބިލުކަމެއް އެ ކުންފުނިތަކަކު

ނުހުންނާނެއެވެ. ނުފޯރާ ފޮތިން ފޫގެޅުމުގެ ނަތީޖާ އަކަށްވުން ގާތީ، މުޅި ސަޕްލައި ޗެއިން

މަޅިއަރައި، ސަރުކާރުގެ އެހީތެރިކަމަށް ނުވަތަ ސަބްސިޑީ އަށް ދާއިމީ ގޮތެއްގައި ބަރޯސާވާން

ޖެހުމެވެ. ވަކި ފަރާތެއްގެ ކުށެއް ނުވަތަ މައްސަލައެއް އޮވެގެންނެއް ނޫނެވެ. އާދެ،

މި އޮތް އޮނިގަނޑު އޭގެ ޒާތުގައި ބަލިކަށިވުމުގެ ސަބަބުންނެވެ.

އެހެންވިމާ، މިކަމަށް އޮތް ދާއިމީ ހައްލަކީ ކޮބައިހެއްޔެވެ؟

މަސް ގަންނަ އަގު ބޮޑުކުރުމަށް މަޖުބޫރު ކުރުވުމުގެ ބަދަލުގައި، މަސްވެރިކަމުގެ ސިނާޢަތުގެ

ވަށައިގެންވާ ނިޒާމު ވަރުގަދަކޮށްގެން މަސްވެރިކަން ރަނގަޅު ދުވަސްތަކުގައި މަހުގެ

އަގު ދަށަށްދިއުން ކުޑަކުރެވިދާނެއެވެ. މިގޮތުން، ބާނާ މަސް އިތުރުވުމުގެ ސަބަބުން

އަގު ދަށަށްދިޔުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަމަކީ؛

•  ފިނިކުރުމުގެ ޤާބިލުކަން އިތުރުކުރުން

•  އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެއްބަސްވާ އެކްސްޕޯޓު

ކޮންޓްރެކްޓުތައް ހޯދުން

•  އަގުހެޔޮކޮށް ބޮޑު ޢަދަދަކުން މަސް ވިއްކުމުގެ ބަދަލުގައި،

އިތުރު ވެލިއު އެޑްކުރެވޭ ގޮތްތައް ހޯދައި، އެ ގޮތްގޮތަށް ޕްރޮސެސްކުރުން

•  މަސްވެރިކަމުން ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުމަށް،

ގިނަ މަސްވެރި ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ސްމާރޓް ނިޒާމުތައް ބޭނުންކުރުން (މިސާލަކަށް،

ޕްރައިސް ބޭންޑްސް، ސްޓެބިލައިޒޭޝަން ފަންޑްސް)

މިފަދަ ހައްލުތަކުގެ ނަތީޖާ އަކަށްވާނީ ސަރުކާރަށް މާލީ

ނުރައްކަލެއް ނެތި، މަސްވެރިންނަށްލިބޭ އާމްދަނީއަކީ ދެމެހެއްޓެނިވި އާމްދަނީއަކަށް

ވެގެންދިއުމެވެ.

މަހުގެ އަގު ކުއްލިކުއްލިއަށް ދަށަށްދިއުމުން މަސްވެރިން

ނުތަނަވަސްވުމަކީ މަސްވެރިންގެ ކުށެއް ކަމަކަށް ނުދެކެމެވެ. މަސް ގަންނަ އަގު ބޮޑު

ކުރުމުގެ ދެމެހެއްޓެނިވިކަމާމެދު ސަރުކާރުން ކަންބޮޑުވުމަކީވެސް މައްސަލައެއް ކަމަކަށް

ނުދެކެމެވެ. އަސްލު މައްސަލައަކީ، މަސްވެރިން އެމީހުންގެ އާމްދަނީ އިތުރުކުރުމަށް ބޭނުންވުމެއް

ނޫނެވެ. އަދި މައްސަލައަކީ ސަރުކާރުގެ ސިޔާސަތެއްވެސް ނޫނެވެ. އަސްލު މައްސަލައަކީ

ކެޕޭސިޓީ ނެތުމާއި، މާކެޓުތައް ހިނގާ ގޮތާއި، ހާލަތެވެ. މުސްތަގުބަލުގައި ޤައުމަށް

ބޮޑެތި މައްސަލަތައް ކުރިމަތިނުވެ، މަސްވެރިންނަށް ދެމެހެއްޓެނިވި، އަދި މައުނަހުރި

ހައްލެއް ހޯދައިދެވޭނީ މިކަން އަހަރެމެންނަށް ޤަބޫލުކުރެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް