އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަކާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
މިމައްސަލައިގަ އިއްޔެ ފުލުހުން ވަނީ ނިހާންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ބުނެފައިވެ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީޑިއާގައި މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ނިހާންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ހުށަހެޅިތާ ދެ ދުވަސް ވެއްޖެ ކަމަށެވެ. ޕީޖީ ވިދާޅުވީ މިހާރު ކުރިޔަށްދަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން އެކަންކަން ބެލުން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ހާޒިރުކޮށްފައިވެ އެވެ. އެކަން އެކޮމިޝަނުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ނިހާން އާއި އެކު އެމްއެމްޕީއާރުސީގެ ހިޔާނާއި ގުޅުން ހުރި 30 މީހެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ކަންކަމުގެ ތަހުގީގަށް ނިހާން އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެނގިފައިވާގޮތުގައި އޭނާގެ ބެންކު އެކައުންޓުތަކުގެ ތަފްސީލު ވެސް ކޮމިޝަނުން ނަގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް