ކޯވިޑް-19 ޖެހިގެން މުވައްޒަފަކު މަރުވި މައްސަލަގައި ދ. ކަނޑިންމަ ރިސޯޓަށް ކޯވިޑުގެ ހާލަތުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރިތާ މަހެއް ފަހުން އަލުން އެ ހުއްދަ ދީފި އެވެ.
ކޯވިޑްގެ ހާލަތުގައި އޮޕަރޭޝަންސް ހިންގުމަށް ހުއްދަ ދޫކޮށްފައިވާ ކަމަށް މިމަހުގެ 14 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ އެންމެ ފަހުގެ ލިސްޓުގައި އެ ރިސޯޓު ހިމަނާފައިވެ އެވެ. އޭގެން އެނގޭ ގޮތުގައި ކަނޑިންމަ އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ކޯވިޑް ޖެހިގެން މުވައްޒަފު މަރުވި މައްސަލައިގަ އެ ރިސޯޓަށް ދޫކޮށްފައިވާ ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ކޯވިޑް ޖެހިގެން މަރުވީ އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 60 އަހަރުގެ އިބްރާހިމް ނަސީރު ކިޔާ ދިވެއްސެކެވެ. މީގެ އިތުރުން އެ ރިސޯޓުގެ 60 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ނަސީރު މަރުވީ ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ ހުން އައިސްގެން އިތުރު ފަރުވާއަށް މާލެއަށް ނުވަތަ ރަށަށް ފޮނުވައިދޭން މެނޭޖްމެންޓުގައި އެދުނުތާ 10 ދުވަސް ފަހުންނެވެ.
ނަސީރުގެ ފަރުވާއަށް ރިސޯޓުން ބޭރަށް ފުރުމުގެ ހުއްދަ ދީފައި ނުވާއިރު ހާލު ސީރިއަސްވުމާއި ހަމައަށް އޭނާ ބޭނުން ކުރަމުން ދިޔައީ ރިސޯޓު ކްލިނިކުން ދިން ބޭހެވެ. މަރުވުމުގެ ދެ ދުވަސް ކުރިން އޭނާ ވަނީ ކޯވިޑްގެ އަލާމާތްތައް ކަމަށްވާ ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ ދިމާވެގެންވެސް ރިސޯޓު ޑޮކްޓަރަށް ދައްކާފައި އެވެ.
މި މައްސަލައިގަ އެޗްއީއޯސީގެ ޓީމެއް އެ ރިސޯޓަށް ގޮސް ކަން ހިނގާދިޔަ ގޮތް އޮޅުން ފިލުމަށް ފަހު މާލެ އައިސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ރިޕޯޓެއް ހުށަހެޅި އެވެ. އެ ރިޕޯޓާއި ގުޅިގެން އެ ރިސޯޓުގެ މައްސަލަ ބެލުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ފުލުހުންނަށް ހުށަހެޅި އެވެ.
ފުލުހުން ދަނީ އަދިވެސް އެ މައްސަލަ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް