ކުރު މުއްދަތަށް ވަކި ބޭނުންތަކަކަށް އަތޮޅުތެރެއަށް ތަރުކުރާ މީހުން 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭ ގޮތަށް ގައިޑްލައިނަށް ބަދަލު ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ ޒަރޫރީ މަސައްކަތަކަށް ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދާން ޖެހޭ ފަރާތްތަކުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫޓިލިޓީ އާއި ކޮމިއުނިކޭޝަން ހިދުމަތްތަކާއި، ސަރުކާރާއި ކުންފުނިތަކުގެ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދާ މީހުންނެވެ.
އެޗްޕީއޭއިން ބުނީ ޕީސީއާރު ޓެސްޓު ހަދަން ނުޖެހުނު ކަމަށް ވިޔަސް މިގޮތަށް ދާ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ގައިޑްލައިނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.
ކުރު މުއްދަތަށް ދަތުރު ކުރާ ފަރާތްތަކުން ރަށްރަށުގައި އާންމުންނާއި މާ ބޮޑަށް އެކުވެގެން ނޫޅުމަށާއި ބާއްވާ ރަސްމިއްޔާތުތައް ދިގުކޮށް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.
އެޗްޕީއޭއިން މި ބަދަލު ގެނެސްފައި މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކައިރިވެފައިވާއިރު ގައިޑްލައިންގެ ސަބަބުން އަތޮޅުތެރެއަށް ދަތުރު ކޮށްގެން ކެމްޕެއިން ކުރުމަށް ދަތިވާ ކަމަށް ބުނެ ޝަކުވާ ކުރަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް