ދަމުނަމާދު ކުރާނެ ގޮތް، އަދި އެ ނަމާދުގެ މޮޅު އިތުރުކަން

ދަމުނަމާދަކީ، ވަރަށް އިތުރުކަންބޮޑު ނަމާދެކެވެ. ޢިޝާނަމާދުން އަވަދިވެގެން ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް ނިދައިލުމަށްފަހު ތެދުވެ ކުރާ ދެރަކުޢަތް ނަމާދެކެވެ. މިނަމާދުގެ މަދުމިނީ، ދެ ރަކްޢަތް އެވެ. ގި...

16 Dec 2020 | 10:32

ދަމުނަމާދަކީ، ވަރަށް އިތުރުކަންބޮޑު ނަމާދެކެވެ. ޢިޝާނަމާދުން އަވަދިވެގެން ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް ނިދައިލުމަށްފަހު ތެދުވެ ކުރާ ދެރަކުޢަތް ނަމާދެކެވެ. މިނަމާދުގެ މަދުމިނީ، ދެ ރަކްޢަތް އެވެ. ގިނަވެގެން ވަކިއަދަދެއް ނެތެވެ. މިނަމާދު ކުރުމަށް މޮޅުއިތުރުވެގެންވާ ވަގުތަަކީ، ރޭގަނޑު މެންދަމުގެފަހެވެ. މެންދަމުގެ ކުރީގައި ކުރިއަސް ހެއުވެދެއެވެ. ޢިޝާ ނަމާދަށްފަހު އިރުކޮޅަކު ނިދާ ލާފައިތެދުވެ، ވިތުރި ކުރުމުން ދަމުނަމާދުކުރުމުގެ ޘަވާބު ޙާޞިލް ވެދެއެވެ.

ރޭގަނޑުގެ ވަޤުތު ދެބައިކޮށްފިނަމަ، މޮޅުއިތުރީ ފަހުބައެވެ. ތިން ބައި ކޮށްފިނަމަ މެދުބައެވެ. އެންމެމޮޅު ގޮތަކީ، ހަބައަށް ބައިކޮށް، ކުރީ ތިންބައިގައި ށިދުމެވެ. ދެން ތެދުވެ ހަތަރު ވަނަ ބައާއި ފަސްވަނަ ބައިގައި ނަމާދު ކުރުން މަތީ ޤާއިމުވެ، ހުރުމަށް ފަހު، ހަވަނަ ބައިގައި ނިދުމެވެ.

ތަހައްޖުދުކުރާމީހާއަށް ޤަައިލޫލާ އަކީ، ސުންނަތެކެވެ. އެއީ އިރުމެދުޖެހުމުގެ ކުރީގައި އިރުކޮޅަކު ނިދައިލުމެވެ.

ތަހައްޖުދު ކުރުމަށް އާދަކޮށްފައިވާ މީހާ ޢުޛުރަކަށްޓަކައި މެނުވީ، އެ ނަމާދު އަޅައިފުން މަކުރޫހު އެވެ.

މިނަމާދުގެނިޔަތް ދުލުން ކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ التَّهَجُّدِ للهِ تَعَالى الله أَكْبر، މިފަދަ އިންނެވެ. ހިތުންނިޔަތް ގަންނާނީ، تّهَجُّد ނަމާދުގެ ސުންނަތް ދެ ރަކްޢަތް މާތްކަލާގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. މިނަމާދުގެ ފުރަތަމަ ރަކްޢަތުގައި الحمد އަށް ފަހު ކިޔަވާނީ، އާޔަތުލްކުރްސި އެވެ. ދެވަނަ ރަކްޢަތުގައި الحمد އަށް ފަހު ކިޔަވާނީ، އިޚްލާޞް ސޫރަތެވެ.

ދަމުނަމާދުކޮށް އަވަދިފުމަށްފަހު، ބައެއް ދުޢާތައް ކިޔުން މޮޅު އިތުރެވެ.

ދަމުނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ނުވަތަ ހަތަރު ރަކުޢަތުން ހަތަރު ރަކުޢަތުން ސަލާންދެމުންނެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީޘް ކުރެއްވިއެވެ.

(( صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى)) [البخاري ومسلم] މާނައަކީ: " ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުން ނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!"

ދަމުނަމާދުގެ އެއްމެ ގިނަ މިންވަރަކީ އަށް ރަކުޢަތެވެ. ވިތުރިއާއި އެކުގައި އެގާރައެވެ. އަށް ރަކުޢަތް ހަމަވުމުން ތިން ރަކުޢަތުން ވިތުރި ކުރުމުން ނިމުނީއެވެ. ނުވަތަ ދިހަ ރަކުޢަތް ކޮށް އެއް ރަކުޢަތުން ވިތުރި ކުރާނީއެވެ. މަދު މިނަކީ ދެ ރަކުޢަތެވެ. ވިތުރީގެ އެއް ރަކުޢަތެވެ.

البخاري އެބޭފުޅާގެصحيح (4 / 319) ގައި ރިވާކުރެއްވިއެވެ. عائشة رضي الله عنها ވިދާޅުވިއެވެ. ((مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً)) މާނައަކީ: "އިތުރު އެކަލޭގެފާނުން ރަމްޟާން މަހުގައިވެސް އަދި އެނޫން މައްސަރެއްގައިވެސް އެގާރަ ރަކުޢަތަށް ވުރެ އިތުރެއް ނުކުރައްވައެވެ."

އެގޮތުން ދަމުނަމާދުގެ ކުރާނީ ދެރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ނުވަތަ ހަ ރަކުޢަތް ނުވަތަ އަށް ރަކުޢަތެވެ. އެމީހަކަށް ދަތިކަމަކާއި ނުލައި ދާއިމުވެ ކުރެވޭ އަދަދެއްގައި ހިފުމަކީ އެއްމެ ރަނގަޅު ގޮތެކެވެ. އަދި ބައެއް ރޭރޭ މަދުން އަނެއްބައި ރޭރޭ ގިނައިން ކުރުމަކީ މައްސަލައެއް ނޫނެވެ. އިސްވެދިޔަ ޢާއިޝަގެ ރިވާޔަތުގައި ވެއެވެ.

އިތުރު އެކަލޭގެފާނުން ހަތަރު ރަކުއަތުން، ހަތަރު ރަކުއަތުން ދެފަހަރު ސަލާން ދެއްވައި ތިން ރަކުއަތުން ވިތުރި ކުރެއްވިއެވެ. ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ޤުރްއާން ކިޔަވައި ޤިޔާމާއި ރުކޫޢާއި ސަޖިދަ ދިގުކުރުމެވެ. ރަކުޢަތްތަކުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމުނަމާދުގައި މި ހުރިހައި ގޮތެއް ތަނަވެސް ވެގެން ވެއެވެ. ދަމު ނަމާދު ކުރުން އެއްމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ.

އެއީ ރޭގަނޑުނގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ. ދަމުނަމާދު ކުރުމަށްޓަކައި ނިދުމަކީ ލާޒިމު ކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައި ނަމާދު ކުރުމަކީ މީހާ ތާޒާވެ މުރާލި ވާނެ ކަމެކެވެ. ވީމާ އެހެން ކުރެވެން އޮތް ނަމަ އެގޮތް އައުލާކަން ބޮޑެވެ. އެކަމު ރޭގަނޑު ހޭލައި ހުންނަން ޖެހޭ މީހަކު ނުނިދައި ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ.

ދަމު ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ސޫރަތެއް ސުންނަތުން ވާރިދުވެފައި ނެތެވެ. އެމީހަކަށް ފަސޭހަ ތަނެއް ކިޔެވީމާ ރަގަޅުވާނެއެވެ. والله أعلم

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ޑރ މުޙައްމަދު އިޔާޟް އަބުދުއްލަތީފް އަދި އަޙުމަދުﷲ ޖަމީލް ދަމުނަމާދާއި ގުޅިގެން ލިޔުއްވާފައިވާ ބައެއް ލިޔުންތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް