ށ. ޅައިމަގު ފުޓްސެލް ދަނޑުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ އެ ރަށު ޒުވާނުން މުޒާހަރާ ކުރަން ފަށައިފި އެވެ.
އެ ރަށު ފުޓްސެލް ދަނޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކާއި ގާތް ވަނިކޮށް އަޅަން ފެށި ދަނޑެކެވެ. ވެރިކަން ބަދަލުވުމާއި އެކު މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށެވެ.
ދަނޑުގެ މަސައްކަތް ނިންމިތާ އެއްތައް މަހެއް ވެފައި ވާއިރު އެ ދަނޑުގެ ޕިޗު އަލުން އަޅަން ޖެހިފައިވާ ކަމަށް "ދުވަސް" އަށް މައުލޫމާތު ދިން މުޒާހަރާގެ ބައިވެރިން ބުންނެވެ. އެމަސައްކަތް ކުރަން އެ ދަނޑުގެ މަސައްކަތް ކުރި ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށް މީގެ ހަތަރު މަސް ކުރިން ޔޫތް މިނިސްޓްރީން ބުނެފައިވާ ކަމަށް ބުންޏެވެ.
މުޒާހަރާ ކުރާ ޒުވާނުން އެއްވެފައިވަނީ އެ ރަށު ކައުންސިލް އިދާރާ ކައިރިއަށެވެ. ކައުންސިލް މެދުވެރިކޮށް ޔޫތް މިނިސްޓްރީއަށް ގުޅައިގެން މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯދި ނަމަވެސް މިނިސްޓްރީން ދައްކަމުންދާ ވާހަކަތައް ގަބޫލް ނުކުރެވޭ ކަމަށް އެމީހުން ބުންޏެވެ.
ޅައިމަގު ފުޓްސެލް ދަނޑު ނުނިމި ލަސްވާ މައްސަލައިގަ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ މުޒާހަރާ ކުރާ މީހުންނާއި ފޯނުން ވާހަކަ ދައްކަވައި ވިދާޅުވީ ކޮންޓްރެކްޓަރަށް ފަހުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެންމެ ލަސްވެގެން 10 ދުވަސްތެރޭގައި އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރު ޅައިމަގަށް ދާނެ ކަމަށް އައްސަދު ވިދާޅުވި ކަމަށް އެމީހުން ބުންޏެވެ.
ސްޓޭޓް މިނިސްޓަރު މުޒާހަރާ ކުރާ މީހުން ކައިރީ މިހެން ވިދާޅުވިޔަސް "ދުވަސް" އަށް މައުލޫތު ދެއްވަމުން ޔޫތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަސައްކަތް ފެށޭނެ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ޅައިމަގު ފުޓްސެލް ދަނޑުގައި މައްސަލައެއް ދިމާވީ މަސައްކަތް ނިމުނު ފަހުން ކަމަށެވެ.
އެ މިނިސްޓްރީން ކޮންޓްރެކްޓަރާއި ގުޅައި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މުޒާހަރާ ކުރާ މީހުން ބުނީ ރަށުގައި ޒުވާނުންނަށް ފުޓުބޯޅަ ކުޅޭނެ ރަނގަޅު ދަނޑެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ފުޓްސެލް ދަނޑެއް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުން ދާއިރު މަސައްކަތް ނިންމި އިރު އިތުރު މައްސަލަތަކެއް ކުރިމަތިވެ ދަނޑު ބޭނުން ކުރަން ނުފެށި ގިނަ ދުވަސް ވަމުން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް