ރާއްޖޭގައި ވަޅުލުމާއި ދެކޮޅު ހެދުމަށް ލަންކާ މުސްލިމުން ރައީސް ސޯލިހަށް އިލްތިމާސްކޮށްފި

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާއި އެ ގައުމުގެ މުސްލިމުން ދެކޮޅު ކަން ހާމަކޮށްފި އެވެ. ލަންކާގެ މުސްލިމުން ބައިވެރިވެގެން އިނގިރޭސި ވިލާތުގައި ހިންގާ އިސްލާމީ 18...

16 Dec 2020 | 06:10

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާއި އެ ގައުމުގެ މުސްލިމުން ދެކޮޅު ކަން ހާމަކޮށްފި އެވެ.

ލަންކާގެ މުސްލިމުން ބައިވެރިވެގެން އިނގިރޭސި ވިލާތުގައި ހިންގާ އިސްލާމީ 18 ޖަމާއަތަކުން މިގޮތަށް ހާމަ ކުރީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް އަށް ފޮނުވި ސިޓީއެއްގައި އެވެ. އެ ސިޓީގައި ވަނީ ރާއްޖޭގައި ލަންކާގެ މުސްލިމުން ވަޅުލުމާއި ދެކޮޅު ހަދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސްކޮށްފައި އެވެ.

އެ ޖަމާއަތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެ ސިޓީ އާންމުކޮށްފަ އެވެ. އެ ސިޓިގައި ބުނެފައިވަނީ މަރުވާ މުސްލިމުން ވަޅުލާން ރާއްޖެއަށް ގެންދިއުމުން ލަންކާގެ އާދަކާދަ އާއި ސަގާފަތުގެ ދަށުން އެ މީހެއްގެ މަހާނަ ދޮށަށް އާއިލާ އިން ޒިޔާރަތްކުރުން ފަދަ ކަންތައް ނުކުރެވޭނެ ކަމަށެވެ.

އިތުރަށް ބުނީ ލަންކާގެ މުސްލިމުންނަކީ، ދެ ހާސް އަހަރުގެ ތާރީހެއް އޮތް އެ ގައުމުގެ އަސްލު ރަށްވެހިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ވިޔަސް، ރާއްޖެއިން މިކަމަށް އެއްބަސްވެއްޖެ ނަމަ މުސްލިމުންނަކީ ލަންކާގައި އުޅޭ ބިދޭސީންގެ ބައެއް ކަމަށް ގަބޫލުކޮށް ހަރުކަށި ފިކުރަށް ހިއްވަރު ދިނުމުގެ އަމަލަކަށް ނޫނީ ނުވާނެ ކަމަށެވެ. އެ ސިޓީގައި ބުނީ މަރުވާ މުސްލިމުން ލަންކާއިން ބޭރުކުރުމުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮތް ކަމަށެވެ.

ލަންކާ ސަރުކާރުން އުޅެނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ސިޔާސީ އަދި އިޖުތިމާއީ އެޖެންޑާއެއް ފުރިހަމަކުރަން ކަމަށާއި މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިސްނާވަޑައިގެން ލަންކާ މުސްލިމުންގެ ކަންބޮޑުވުންތައް ވީ އެންމެން އަވަހަކަށް ހިއްސާކޮށްދެއްވުން ސިޓީގައިވަނީ އެދިފަ އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކޯވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ ރާއްޖޭގެ އެހީއަށް އެދުނީ އެގައުމުގެ ރައީސް ގޯޔާބަޔަ ރާޖަޕަކްސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެ ސިޓީ އާއި ގުޅިގެން ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރައީސް ސޯލިހު މަޝްވަރާ ފައްޓަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިމައްސަލައިގަ ރާޢްޖޭގެ ދިނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ދަނީ ދެ ފަޅިއަށް ވާހަކަ ދައްކަމުންނެވެ. ރާއްޖެއަށް ލަންކާ މުސްލިމުން ވަޅުލާން ގެނައުމާ އެންމެ ފުރަތަމަ ދެކޮޅު ހެއްދެވި ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ކޮވިޑްގައި މަރުވާ މީހުންގެ ހަށިގަނޑުތައް، ދީނީ އުސޫލުތަކާ ހިލާފަށް އަދި އާއިލާގެ ވެސް ނުރުހުމުގައި ލަންކާގައި އަންދަމުން ގެންދަނީ ބަލީގެ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ނަމުގަ އެވެ. މަރުވެފައިވާ ހަށިގަނޑެއް ވަޅުލުމުން އޭގައި ހުންނަ ވައިރަސް ފެނާ އެކުވެގެންދާނެ ކަމަށް ލަންކާ އިން ބުނި ނަމަވެސް ތަޖުރިބާކާރުން ގެންދަވަނީ ފުރާނަ ނެތް ހަށިގަނޑެއްގައި ވައިރަސްއަށް ދިރި ނޫޅެވޭނެ ކަމަށާއި ވަޅުލުމަކުން ނުރައްކަލެއް ނެތް ކަމަށް ވިދާޅުވަމުންނެވެ.

ލަންކާގައި ކޯވިޑް ޖެހޭ މީހުން އަންދާ މައްސަލައިގަ މުސްލިމުންގެ އިތުރުން ކްރިސްޓިއަނުންވެސް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ލަންކާގައި ހުރިހާ ދީނަކަށް ފުރުސަތު ދިން ނަމަވެސް މައި ސަރުކާރަކީ ބުދު ދީނުމުގެ ސަރުކާރެކެވެ. އެ ގައުމުގެ އާބާދީގެ 70 ޕަސެންޓު މީހުންނަކީ ބުދަށް އަޅުކަން ކުރާ ނުވަތަ ބުދިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް