ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.
އެމެރިކާގެ ވެރިރަށް ނިއުޔޯކްގައި ހުންނަ އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެއާއި އެސްވަތީނީގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާރޓިން މަސޫކޫ އެވެ.
ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކުރުމާއެކު ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމަށް މަގު ފަހިވެގެންދާނެއެވެ.
ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު ގުޅުން ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތަކެވެ.
އެސްވަތީނީގެ އިތުރުން ރާއްޖެއިން މިހާތަނަށް 174 ގައުމަކާއި އެކު ވަނީ ސިޔާސީ ގުޅުން ގާއިމް ކޮށްފައި އެވެ.
އެސްވަތީނީ އަކީ އެފްރިކާގެ ދެކުނުގައި، މޮޒަމްބީކް އާއި ދެކުނު އެފްރިކާ އާއި އިންވެގެން އޮންނަ، 1.1 މިލިއަން މީހުންގެ އާބާދީއެއްގެ ޤައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް