ކަޅުވަކަރު މިސްކިތާއި، ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދު މާދަމާ (17 ނޮވެމްބަރު 2020) ހެނދުނު ހުޅުވާނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު އިން ބުނެފި އެވެ.
އެ މިނިސްޓަރީން ބުނީ މާދަމާ ހެނދުނު 10:00 ގައި މިސްކިތް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް މި އިވެންޓް ކުރިއަށް ގެންދިއުމަށް ރޭވުމުގައި އެކިއެކި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން އިވެންޓްގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށްޓަކާ އަޅާ އެއްފިޔަވަޅެއްގެ ގޮތުން ހުރިހާ މީޑިއާތަކަކަށް އިވެންޓް ކަވަރު ކުރުމުގެ ފުރުޞަތު ދިނުމުގެ ބަދަލުގައި މީޑިއާތަކަށް ވަގުތުން އިވެންޓްގެ ވީޑިއޯ އާއި ފޮޓޯ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"އެގޮތުން ޕީއެސްއެމް މެދުވެރިކޮށް ހުރިހާ ޓީވީ ޗެނަލްތަކަށް އިވެންޓްގެ ލައިވް، ކްލީން ފީޑް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އިވެންޓްގެ ފޮޓޯ ވަގުތުން ލިބޭނެ. އިވެންޓްގެ އިތުރު ފޮޓޯ އިވެންޓް ނިމުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ." އެ މިނިސްޓްރީން ބުންޏެވެ.
ކަޅުވަކަރު މިސްކިތް ހުޅުވުމާއި ގުޅިގެން މިސްކިތާއި މިސްކިތް ހިމެނޭ ސަރަޙައްދު އާންމުންނަށް ހުޅުވާލާނެ ގަޑިތަކާއި، އެކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު މާދަމާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނޫސްބަޔާނެއް މެދުވެރިކޮށް އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފުރުޞަތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއާއި މި ވުޒާރާގެ ދަށުން ހިންގާ އެކިއެކި އިދާރާތަކާއި މެދު މީޑިއާތަކުން ގެންގުޅުއްވާ ގާތްކަމާއި، މި ދާއިރާގެ ޚަބަރުތައް ރައްޔިތުންނަށް ގެނެސްދެއްވުމުގައި ދެއްވާ އިސްކަމަށް ފަށްފަށުން ވަނީ ޝުކުރު ދަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް