ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރީގެ މުއާމަލަތް ކުރާ މިނިސްޓަރުން އެބަތިބި ކަމަށާއި އެ މިނިސްޓަރުން ހައްޔަރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީީ، ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ހިންގާ މިނިސްޓަރުންނަށް ސަރުކާރު ނުހިންގޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ވެސް ކަޅު ބާޒާރުގައި ޑޮލަރު ގަންނަމުންދާ ކަމަށެވެ.
ބޮންޑެ އެފަދަ ތުހުމަތެއް މިނިސްޓަރުންނަށް ކުރެއްވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވާ އެއްސެވީ، ކަޅު ބާޒާރުގައި ޑޮލަރު ދައުރުކުރުވަނީ ކޮނކޮންް މިނިސްޓަރެއްކަން ބޮންޑެ ހާމަކޮށްދެއްވަން ޖެހޭނެ ކަމަށެވެ. އަދި ބޮންޑެ އެއީ ކޮން މިނިސްޓަރުނެއްކަން ހާމަކުރައްވަން ޖެހެނީ އެއީ އޭނާ ގަޔާވާ ކަމަކަށް ނުވާތީ ކަމަށެވެ.
ޖާބިރުގެ ނިޒާމީ ނުކުތާއަށް ސަމާލުކަން ނުދީ ބޮންޑެ އިިތުރަށް ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަމުންދާ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހައްޔަރުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީީ ކަޅު ބާޒާރުގައި ވިއްކާ ކޮންމެ ފައިސާއަކީ ރައްޔިތުންގެ ޖީބުން ނަގާ ފައިިސާ ކަމަށެވެ. އަދި ދަރަނިން ސަލާމަތްވުމަށް 265 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސް ބޮންޑެ ވިދާޅުވިި އެވެ.
ބޭންކުތަކުގެ އޭޓީއެމް ދޮށުގައި ބިދޭސީން ލައްވާ ޑޮލަރުގެ ގަތުމުގެ މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް ބޮންޑެ ވަނީ ވަޒީރުންނަށް ކުރައްވައިފަ އެވެ. ނަމަވެސް އެއްވެސް މިނިސްޓަރަކަށް ވަކިން އިޝަރާތް ކޮށްފައި ބޮންޑެ ވާހަކައެއް ނުދައްކަވަ އެވެ.
ކޮވިޑް-19އިގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ މަޑުޖެހި ބޭރ ފައިސާ ލިބުން ވަނީ މަދުވެފަ އެވެ. އެއާއެކު ޑޮލަރުގެ ކަޅު ބާޒާރު ފުޅާވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 އަރައިގެން ދިޔަ އެވެ. އެކަމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ކަންބޮނޑުވުން ފައުޅުކޮށް ޑޮލަރުގެ ކަޅު ބާޒާރާ ދެކޮޅަށް މަސައްކަތް ކޮށްފަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް