ދެހާސް އެކާވީސް ވަނަ އަހަރަށް ތައްޔާރުކުރި ބަޖެޓަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ތައްޔާރުކުރި ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ކުރިއަށްދާ ބަހުސް ބަޖެޓުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ސަރުކާރުން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ވެގެން ތައްޔާރުކުރި ސިޔާސީ ބަޖެޓެއް ކަމަށެވެ. އަދި އެގޮތަށް ސިޔާސީ ބަޖެޓު ތައްޔާރު ކުރުމުން އެކަމުގެ ނުރައްކާ ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޯރާނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓަކީ ކައުންސިލް އިންތިހާބަށް ފޯރުވާ ނުފޫޒެއް ކަމަށް ޝަރީފު ވިދާޅުވީ، އެމްޑީޕީގެ ޕީޖީ މެމްބަރުންނާއި އެ ޕާޓީގެ އެކްޓިވިސްޓުން ބަޖެޓުގައި ރަށްރަށައް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކާއި ފައިސާގެ އަދަދު ކެނޑިނޭޅި ދައްކަމުންދާތީ ވިދާޅުވި އެއްޗެއް ކަމަށް ބެލެވެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިހާރު އެ އޮތްގޮތަށް ފާސްކޮށްފިނަމަ ގައުމުގެ ސިޔާދަތަށް ނުރައްކާވާނެ ކަމަށް ޝަރީީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބަޖެޓުގައި އާމުދަނީ ހޯދުމުގެ ގޮތުން ގައުމުގެ ހަރުމުދާ ވިއްކުން އެބައޮތް ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ ގައުމުގެ ސިޔާދަތު ގެއްލި، އިގްތިސޯދީ ގޮތުން ގައުމުގެ ހާލަތު އިތުރަށް ގޯސްވެ، ކުރިން އޮތް ހާލަތަށް އިގްތިސޯދު ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ބުރަވާނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ގައުމުގެ މިހާރުގެ އިގްތިސޯދަށް ބަލާއިރު ކަމުދާ ބަޖެޓެއް ނޫން ކަމަށެވެ. އެ ބަޖެޓު 25 ބިލިއަން ރުފިޔާއަށް ކުޑަކޮށްފިނަމަ ކުރިން އޮތް ގައުމުގެ އިގްތިސޯދު އަނބުރާ ހޯދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓުގެ ތެރޭގައި އަގުހެޔޮކޮށް ބޯހިޔާ ވަހިކަން ފޯރުކޮށްދޭނެ ގޮތާއި، ފްރީލާންސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދޭނެ ގޮތެއް ބަޖެޓުގައި ހިމެނުން މުހިންމު ކަމަށެވެ. އަދި ބަޖެޓެ އަނބުރާ ފޮނުވައި އަލުން މަޖިލީހަށް ފޮނުވާއިރު ވީހާވެސް އަވަހަކަށް އިގްތިސޯދު ތެރޭގައި ފައިސާ ދައުރުކުރެވޭނެ މަޝްރޫއުތަކެއް ހިމެނުން މުހިންމު ކަމަށް ޝަރީފު ވިދާޅުވި އެވެ.
އިގްތިސޯދީ ގޮތުން ހީނަރުކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ފޮރިން މިނިސްޓްރީގެ ބަޖެޓު ދެ ގުނައަށް ބޮޑު ކުރުމުން ޝަރީފު ވަނީ ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ. ކަންބޮނޑުވުން ފައުޅު ކުރައްވާ އޭނާ ވިދާޅުވީ، ފޮރިން މިނިސްޓްރީއަށް އިތުރަށް ދޭން ނިންމި ފައިސާ ދަނޑުވެރިކަމަށް ނުވަތަށް މަސްވެރިކަމަށް އިންވެސްޓު ކުރާނަމަ އިގްތިސޯދު ތެރޭގައި ފައިސާ ދައުރުވެ ދައުލަތަށް ފައިދާ ވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނެއްގައި އިރިއިރުކޮޅާ ތަންތަނަށް ދަތުރު ކޮށްގެން ކުރަން ޖެހޭ މަސައްކަތެއް އޮވެގެން ނުވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވެސް ބޭކާރު ހަރަދު ކުރަމުންދާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ސިޔާސީ މުވައްޒިފުންގެ އަދަދު އިތުރު ނުކޮށް އަދި ސިޔާސީ މީހުންގެ މުސާރަ ކުޑަކުރަން ގޮވާލިއިރު، ބޭރުގެ ގައުމުތަކުގައި ހުރި ސަރުކާރުގެ އޮފީސްތަކަށް ކުރާ ހަރަދުު ކުޑަކުރަން ވެސް ޝަރީފު ވަނީ އެދިފަ އެވެ.
އިތުރަށް ބަޖެޓަށް ބަހުސް ކުރައްވަމުން ޝަރީފު ވިދާޅުވީ، އަންނަ އަހަރުގައި ބޭރުގެ ފައިސާ ލިބޭނީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަތުންނާއ ބޭރުގެ ގައުުމުތަކުންނާއި މާލީ އިދާރާތަކުން ދޭ އެހީތަކުން ކަމަށެވެ. ނަމަވެސް ބަޖެޓުގައި އަންނަ އަހަރު ރާއްޖެއަށް ޓޫރިސްޓު އަންނާނެ ކަމަށް ބުނެފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ބުނެފައި ނުވާ ކަމަށާއި، އަދި ބޭރުގެ ގައުމުތަކުންނާއި މާލީ އިދާރާތަކުން އެހީދޭނެ ކަމަށް ބުނެފަ އޮތީ ކޮން އުސޫލެއްގެ މަތިން ވެސް ނޭގޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އޮތްގޮތަށް ބަޖެޓު ފާސްކޮށްފިނަމަ ރާއްޖެއަސް ބޭރުގެ އިންވެސްޓުމެންޓު އައުން ހުއްޓިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ނުރައްކާތެރި ބަޖެޓެއް ކަމަށް ވެސް ޝަރީފު ސިފަކުރެއްވ އެވެ، އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަށް ރަތް ކާޑު ދައްން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ގެންދަނީ ބަޖެޓު އަނބުރާ މުރާޖާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެދިފަ އެވެ. ނަޝީީދު ވިދާޅު ގޮތުންނަމަ އަންނަ އަހަރުގެ ބަޖެޓަކީ ޅޮސް ލަކުޑި ގަނޑެކެވެ. އަދި ބަޖެޓުގައިވާ ކަންތައް ކުރެވޭނެ ކަމަށް އެއްވެސް މީހަކު ގާބުލު ނުކުރާނެ ކަމަށެވެ.
މިއަދު ބަޖެޓު ބަހުސް ފެށުމުގެ ކުރިން ނަޝީދު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހުށަހެޅުއްވި ރިޕޯޓު ބައްލަވާލެއްވުމަށް މެމްބަރުން ކިބައިން އެދިފަ އެެވެ.
އެ ރިޕޯޓުގައި ގަވަރުނަރު އަލީ ހާޝީމް ވަނީ، ބަޖެޓުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކެޕިޓަލް މަޝްރޫއުތަކުގެ އަންނަ އަހަރު ދައުލަތަށް ލިބޭނެ ބޭރު ފައިސާ ނުލިބި ފޮރިން އެކްސްޗޭންޖް ރޭޓު މަތިވެ އިމްޕޯޓެޑް ގުޑުސްގެ އަގު މައްޗަށް ދާނެ ކަމަށެވެ. އެ ރިޕޯޓު ތަފްސީލު ކޮށްދެއްވަމުން ހާޝިމް އިއްޔެގެ ކޮމިޓީގައި ވިދާޅުވެފައިވަނީ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށްވަރުނުކޮށް ޕްރޮޖެކްޓުތަށް ނުފަށަން މެމްބަރުން ސަރުކާރަށް ބާރުއަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ކޮވިޑު-19އިގެ ހާލަތު ރަނގަޅު ނުވާ ކަމަށާއި އެހެެންކަމުން އަން އަހަރަށް ލަފާކުރާ ބޭރު ފައިސާ ނުލިބި ހިނގައިދާނެ ކަމަށެވެ.
އަންނަ އަހަރު ގިނަ މަޝްރޫއުތަށް ހިންގަން ރާވާފައި ވަނީ ބޭރުގެ ގައުމުތަކުންނާއި މާލީ އިދާރާތަކުން ދަރަނި ނަގައިގެންނެ އެވެ. އަދި އެގޮތަށް ފައިސާ ހޯދާއިރު ކޮންސިޝަނަލް ފައިނޭންސިން އަށް އިސްކަން ދިނުމަށް ހާޝިމް ވަނީ އެ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ. އިޖްތިމާއި އަދި ތިމާވެށީގެ ޕްރޮޖެކްޓުތަކަށް ވޮލްޑް ބޭންކާއި އައިއެމްއެފް އިން އަންނަ އަހަރު ކޮންސިޝަނަލް ފައިނޭންސިން ލޯނު ދޫކުރާނެ ކަމަށް ވެސް ހާޝީމް ވަނީ ވިދާޅުވެފައި އެވެ.
ހާޝިމުގެ ވާހަކަފުޅަށް ނަޝީދު އާއި މެމްބަރުން ތާއިދުކުރާކަން މިއަދުގެ ބަހުސްއިން އެގެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ބަޖެޓު ކުޑަކޮށް ނުވަތަށް ބަޖެޓަށް ބަދަލުތަކެއް ގެނެސްފިނަމަ އިގްތިސޯޯދު ކުރިން އޮތް ހާލަތަށް ގެންދަން އުދަގޫވާނެ ކަމަށެވެ. އަދި މި ހާލަތުގައި އެންމެ ރަނގަޅީ ދަރަންޏަށް ފައިސާ ނަގައި އެފައިސާ އިގްތިސޯދު ރަނގަޅުކުރަން ހޭދަ ކުރުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް