އެފްރިކާ ސަރަހައްދުގެ ބައެއް ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަޒް އަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިޞްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި އެފްރިކާގެ ޤައުމުތަކާއި އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް ފޮރިން މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ. އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކާ ދިވެހިރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ޤަބޫލުކުރާ ޤައުމުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކުވެރި ޤައުމުތަކުން ކޮވިޑް-19ގެ ޙާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް