ބަޖެޓުގައި ހުރި ކަންކަން ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

ދެހާސދް އެކަވީސް ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހުރި ކަންކަމަކީ ކުރެވޭނެ ކަންކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ބ...

16 Nov 2020 | 09:47

ދެހާސދް އެކަވީސް ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހުރި ކަންކަމަކީ ކުރެވޭނެ ކަންކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ބަހުސްގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ވާހަކަފުޅަށްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އަންނަ އަހަރުގެ ބަޖެޓަކީ "ޅޮސް ލަކުޑި" ނުވަތަ އެއްވެސް ބާރެއް ނެތް ލަކުޑިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އަދި އެ ބަޖެޓު ފާސްކޮށްފިނަމަ ރާއްޖޭގެ މާލީ އިދާރާތަކުގެ އަގު ވެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ވަނީ މެމްބަރުން ވާހަކަފުޅު ދައްކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން އެކިފަހަރު މަތިން އަންނަ އަހަރުގެ ބަޖެޓަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާ ކަންތައްތަކަށް ފައިސާ ލިބޭނެ ކަމަށް ރާއްޖޭގެ އެކަކު ވެސް ގަބޫލުނުކުރާނެ ކަމަށް ވިދާޅުވި އެެވެ.

މިއަދު ބަޖެޓު ބަހުސް ފެށުމުގެ ކުރިން ނަޝީދު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހުށަހެޅުއްވި ރިޕޯޓު ބައްލަވާލެއްވުމަށް މެމްބަރުން ކިބައިން އެދިފަ އެެވެ.

އެ ރިޕޯޓުގައި ގަވަރުނަރު އަލީ ހާޝީމް ވަނީ، ބަޖެޓުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކެޕިޓަލް މަޝްރޫއުތަކުގެ އަންނަ އަހަރު ދައުލަތަށް ލިބޭނެ ބޭރު ފައިސާ ނުލިބި ފޮރިން އެކްސްޗޭންޖް ރޭޓު މަތިވެ އިމްޕޯޓެޑް ގުޑުސްގެ އަގު މައްޗަށް ދާނެ ކަމަށެވެ. އެ ރިޕޯޓު ތަފްސީލު ކޮށްދެއްވަމުން ހާޝިމް އިއްޔެގެ ކޮމިޓީގައި ވިދާޅުވެފައިވަނީ ބޭރު ފައިސާ ލިބޭނެ ގޮތެއް ކަށްވަރުނުކޮށް ޕްރޮޖެކްޓުތަށް ނުފަށަން މެމްބަރުން ސަރުކާރަށް ބާރުއަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ކޮވިޑު-19އިގެ ހާލަތު ރަނގަޅު ނުވާ ކަމަށާއި އެހެެންކަމުން އަން އަހަރަށް ލަފާކުރާ ބޭރު ފައިސާ ނުލިބި ހިނގައިދާނެ ކަމަށެވެ.

އަންނަ އަހަރު ގިނަ މަޝްރޫއުތަށް ހިންގަން ރާވާފައި ވަނީ ބޭރުގެ ގައުމުތަކުންނާއި މާލީ އިދާރާތަކުން ދަރަނި ނަގައިގެންނެ އެވެ. އަދި އެގޮތަށް ފައިސާ ހޯދާއިރު ކޮންސިޝަނަލް ފައިނޭންސިން އަށް އިސްކަން ދިނުމަށް ހާޝިމް ވަނީ އެ ކޮމިޓީގައި އެދިވަޑައިގެންފަ އެވެ. އިޖްތިމާއި އަދި ތިމާވެށީގެ ޕްރޮޖެކްޓުތަކަށް ވޮލްޑް ބޭންކާއި އައިއެމްއެފް އިން އަންނަ އަހަރު ކޮންސިޝަނަލް ފައިނޭންސިން ލޯނު ދޫކުރާނެ ކަމަށް ވެސް ހާޝީމް ވަނީ ވިދާޅުވެފައި އެވެ.

ހާޝިމުގެ ވާހަކަފުޅަށް ނަޝީދު އާއި މެމްބަރުން ތާއިދުކުރާކަން މިއަދުގެ ބަހުސްއިން އެގެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ބަޖެޓު ކުޑަކޮށް ނުވަތަށް ބަޖެޓަށް ބަދަލުތަކެއް ގެނެސްފިނަމަ އިގްތިސޯޯދު ކުރިން އޮތް ހާލަތަށް ގެންދަން އުދަގޫވާނެ ކަމަށެވެ. އަދި މި ހާލަތުގައި އެންމެ ރަނގަޅީ ދަރަންޏަށް ފައިސާ ނަގައި އެފައިސާ އިގްތިސޯދު ރަނގަޅުކުރަން ހޭދަ ކުރުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް