އިގްތިސޯދު ރަނގަޅު ކުރެވޭނީ ދަރަންޏަށް ފައިސާ ނަގައި އެ ފައިސާ ހަރަދު ކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑް-19އިގެ ކުރިން ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް ގެންދިޔުމަށް މިހާރު ކުރަން ޖެހޭ ކަމަކީ ދަރަންޏަށް ފައިސާ ނަގައި އެ ފައިސާ ހަރަދު ކުރުން ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅިއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިހާރު ކުރިމަތިވެފައި މިއޮތް އިގްތިސާދީ ތަދުމަޑުކަމުން ވީހާވެސް އަރައިގަނެ، ކުރިން އޮތް ހާލަތަށް ގެންދިއުމަށް ކަމަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު އޮތީ 85 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިއަހަރު އިގްތިސޯދު އޮތީ ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާގައި ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދަށް މިހާރުގެ ހާލަތަށް ބަލާއިރު ބަޖެޓު ބޮޑު ކަމަށް ގިނަ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ބަޖެޓު ކުޑަނުކޮށް ފާސްކޮށްފިނަމަ އިމްޕޯޓެޑް ގުޑްސްގެ އަގު މައްޗަށް ގޮސް އެކްސްޗޭންޖް ރޭޓު ވެސް މައްޗަށް ދާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
މެމްބަރުންނަށް ރައްދު ދެއްވާ އަމީރު ވިދާޅުވީ، ބަޖެޓު ކުޑަކޮށްފިނަމަ ދެން ތިބެން ޖެހޭނީ މިހާރު މިއޮތް އިގްތިސާދުގައި ކަމަށެވެ. އަދި ކޮވިޑުގެ ކުރިން އިގްތިސޯދުު އޮތް ހާލަތަށް ގެންދިޔުމަށް ކުރިއަށްދާ މަސައްކަތް ކާމިޔާބު ވުމުގައި ދަތިތަކެއް ދިމާވާނެ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމަކީ މި ހާލަތުން އަރައިގަތުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ ކަންކަން ކަމަށާއި މިއީ ދަރަންޏަށް ފައިސާ ނަގައިގެންވެސް އިގްތިސާދު ފުޅާކުރަންވީ ވަގުތު ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް