ގިނަ ސަޕޯޓަރުންގެ ވޯޓާއި އެކު ދަގަނޑޭ ސެމީ ފައިނަލަށް، މަރުހަބާ ދަނގަޑޭ!

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ. ދަގަނޑޭ ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި ވިއެޓްނާމްގް އެންގުޔެން ވެން ކ...

16 Nov 2020 | 08:19

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ. ދަގަނޑޭ ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި ވިއެޓްނާމްގް އެންގުޔެން ވެން ކުއެޓްއާ ވާދަކޮށް ކުރި ހޯދައިގެންނެވެ.

އަލީ އަޝްފާގް (ދަގަނޑޭ) އަށް ވޯޓު ދިނުމުގައި ދިވެހިންގެ ގިނަ ބަޔަކު ވޯޓު ދިފައިވެއެވެ. ޕޯލްގައި ދަގަނޑޭ އަށް 51.45 އިންސައްތަ ލިބުނުއިރު ވިއެޓްނާގް ކުޅުންތެރިޔާއަށް ލިބުނީ 48.55 އިންސައްތަ އެވެ. ސެމީގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ވިއެޓްނާމްގެ ހެނޯއއީ އެފްސީގެ އެންގުޔެން ކުއާކް ހާއީއާ އެވެ.  80 އިންސައްތަ ވޯޓު ހޯދައި ވިއެޓްނާމްގެ މި ކުޅުންތެރިޔާ ސެމީގެ ޖާގައެއް ހޯދީ އިންޑިއާގެ އީސްޓް ބެންގާލްގެ މެހްތަބު ހުސައިންއާ ވާދަކޮށެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. އޭއެފްސީ ވެބްސައިޓްގައި ކުރިއަށްގެންދާ މި ޕޯލަށް 32 ކުޅުންތެރިއެއްގެ ގޯލު ވަނީ ހިމަނައިފަ އެވެ.

މި ގޯލަކީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު  ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން"ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ. ދަގަނޑޭއާ ވާދަކުރި ވެން ކުޔެޓްގެ ގޯލަކީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ފިލިޕީންސްގެ ސެރެސް ނިގްރޯސް ކޮޅަށް ޖެހި ލަނޑެކެވެ.

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް