މިދިޔަ މަހު އިމްޕޯޓު އަދި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ދަށް ވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އޮކްޓޯބަރު މަހު އިމްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު 51 ޕަސެންޓު ދަށްވެފައިވެ އެވެ. ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓުކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދާ ކަމަށެވެ.
މިދިޔަ މަހު އެންމެ ގިނަ މުދާ ރާއްޖެ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ އަދި ޗައިނާއިންނެވެ. އޮމާން އިން 287 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ކަސްޓަމްސް މެދުވެރިކޮށް 174 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 295 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރަށްވުރެ 41 ޕަސެންޓު ދަށް އަދަދެކެވެ.
ރާއްޖެއިން މިދިޔަ އޮކްޓޯބަރު މަހު އެކްސްޕޯޓުކޮށްފައިވަނީ 305 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ 289 މިލިއަން ރުފިޔާގެ މުދަލެވެ.
އެއީ ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް