ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދ...

16 Nov 2020 | 07:45

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އޭނާގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖެހިގެން އައި ދުވަހު ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ ހުސައިން ހަލީމް އެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން ގާނޫނުއަސާސީން މަނާކުރީ ސަރުކާރުގެ ނުފޫޒެއް ނެތި، ތިން ބާރު ވަކިވުމުގެ އުސޫލާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ފުރުސަތު ދިނުމަށް ކަމަށެވެ. ގާނޫނުއަސާސީގައި ދައުލަތުގެ ވަޒީފާއަކީ ކޮބައިކަން ބުނެދީފައި ނެތަސް، ފަންނީ ދާއިރާތައް އަމިއްލަ އަށް ރެގިއުލޭޓް ކުރަން ގާނޫނުތަކުން އުފެދޭ ކައުންސިލްތަކަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށާއި ސަބަބަކީ އެފަދަ ކައުންސިލްތަކުގެ މަސައްކަތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ނޯންނާތީ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވުމުން ޔައުގޫބް ހަވާލުވެ ވަޑައިގަތް އައިސީއޭއެމްގެ މެމްބަރު ކަމަކީ ދައުލަތުގެ ވަޒީފާއެއް ނޫން ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ވަނީ ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރުން މެމްބަރުންނަށް ގާނޫނުއަސާސީން މަނާވިޔަސް، އެފަދަ ވަޒީފާއެއް އަދާކޮށްފި ނަމަ އަމަލު ކުރާނެ ގޮތެއް ގާނޫނުއަސާސީގައި ނެތް ކަމަށެވެ.

ގާނޫނުއަސާސީގައި ބުނެފައި ނުވާ ކަމެއް ލަފައެއްގެ މައްޗަށް ބިނާކޮށް ކޯޓުތަކުން ކަންކަން ނުނިންމޭނެ ކަމަށާއި އެކަން ކުރުމަކީ ކޯޓުތަކުން އަމިއްލަ އަށް ގާނޫނުއަސާސީ އަށް އުނި އިތުރު ގެނައުން ކަމަށެވެ. އަދި ޔައުގޫބްގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމައިފި ނަމަ، އެއީ ސުޕްރީމް ކޯޓުން އަމިއްލަ އަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް ވެދާނެ އެކަމަކު އެ ބާރު އޮތީ މަޖިލީހަށް އެކަނި ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވާ ގޮތުން، ސިޔާސީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކުރި ހުކުމަކީ އެ ކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން ކުރި ހުކުމެއް ނޫނެވެ. ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިނުވާ ކަމަށާއި ގާނޫނުއަސާސީ ދީފައި ނުވާ ބާރެއް ސުޕްރީމް ކޯޓަށް ވެސް ނޯންނާނެ ކަމަށާއި އެފަދަ ކޮންމެ ނިންމުމެއް ބާތިލު ވާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް