ހއ. ހޯރަފުށީ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.
އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިއަދު ހެނދުނު 9:10 ގައި އެވެ. ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމަށް ހޯރަފުށީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާޒިމް އަދި އެމްޓީސީސީގެ އިސްފަރާތްތަކާއި ރަށު ކައުންސިލްގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
ހޯރަފުށި އެެއާޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި އެއާޕޯޓު ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މާދަމާ ރަސްމީކޮށް އެއާޕޯޓު ހުޅުވުމަށް ފަހު ހަފްތާއެއްގެ ތެރޭގައި ހޯރަފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ހަފްތާއަކު ތިން ދަތުރު ހޯރަފުށީ އެއާޕޯޓަށް ކުރުމަށް ނިންމާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯވިޑާއި ގުޅިގެން ވައިގެ އުދުހުންތަކުގެ ޑިމާންޑު ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށެވެ. އެކަމަކު އެހެން އެއާޕޯޓުތަކެކޭ އެއްގޮތަށް މާދަމާއިން ފެށިގެން ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށް ފަހު ހަފްތާއަކު އެ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރު ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ހޯރަފުށީ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެ އެއާލައިނުން ކުރާ ދަތުރުގެ ޓިކެޓުގެ އަގަށްވުރެ ބޮޑު ނުވާނެ ކަމަށެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.
ހޯރަފުށީ އެއާޕޯޓު ހަދާފައިވަނީ އެ ރަށުގެ ދެކުނު ފަރާތު ފަޅު ހިއްކައިގެންނެވެ. ރަށާއި އެ އާޕޯޓު ގުޅުވާފައިވަނީ ތާރު އަޅައިގެން ހަދާފައިވާ މަގަކުންނެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް