މާދަމާ މަޖިލީހުގެ ޖަލްސާ ބާއްވާގޮތަށް ބަޖެޓު ބަހުސްގެ ޖަލްސާތައް ދަންމާލަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިޔަށް ގެންދާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ ޖަލްސާތައް ދިގުދަންމާލަން ނިންމައިފި އެވެ. ބަޖެޓު ބަހުސް މިއަދު ފަށާފައިވާއިރު...

16 Nov 2020 | 05:56

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިޔަށް ގެންދާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ ޖަލްސާތައް ދިގުދަންމާލަން ނިންމައިފި އެވެ.

ބަޖެޓު ބަހުސް މިއަދު ފަށާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ޖަލްސާގައި ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ ޖަލްސާ ހަވީރު 5:00 އަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވިޔަސް މާދަމާ ބަޖެޓު ބަހުސް ކުރިޔަށް ގެންދިއުމަށް މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށެވެ.

އެހެން ދުވަސްތަކާއި ހިލާފަށް މަޖިލީހުގެ ޖަލްސާ މާދަމާ ފެށުމަށް ނިންމާފައިވަނީ ހެނދުނު 11:00 ގައި އެވެ. އަދި މާދަމާ ބަހުސްގައި ބައިވެރިވާން އެދިވަޑައިގެންނަވާ މެމްބަރުން ވާހަކަ ދައްކަވާ ނުނިމިއްޖެ ނަމަ ބުދަ ދުވަހު ހުރިހާ މެމްބަރުން ވާހަކަ ދައްކަވާ ނިމެންދެން ބަޖެޓު ބަހުސް ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު ޖަލްސާގައި ބަޖެޓު ބަހުސް ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބަޖެޓާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދައްކަވާއިރު އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ބަޖެޓާއި ގުޅޭގޮތުން މަޖިލީހަށް ދެއްވާފައިވާ ލަފާއަށް ރިއާޔަތް ކުރެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރުން ހުށަހަޅާފައިވާ އަދަދާއި ބަޖެޓަށް ބަދަލު ނުގެނެސް މަޖިލީހުން އެ ބަޖެޓު ފާސްކޮށްދިނުމަށް އެދިވަޑައިގެންފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް