ކުއާޓާ ފައިނަލްގެ ވޯޓަށް އެންމެ ފަހު ދުވަސް، ދަގަނޑޭއަށް އަވަހަށް ވޯޓު ދީ !

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް އޭއެފްސީން ބާއްވާ ބްރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ވޯޓުލުމަށް މިއަދަކީ އެންމެ ފަހު ދުވަހެވެ. އެހެން ކަމުން ވީހާވެސް ގިނަ ފަރާތްތަކަކު...

16 Nov 2020 | 04:44

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް އޭއެފްސީން ބާއްވާ ބްރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ވޯޓުލުމަށް މިއަދަކީ އެންމެ ފަހު ދުވަހެވެ. އެހެން ކަމުން ވީހާވެސް ގިނަ ފަރާތްތަކަކުން ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވޯޓުދެއްވުމަށް އެދެމެވެ.

ކުއާޓާފައިނަލްގެ ވޯޓަށް މިއަދު ފަހުދުވަހަށް ވީއިރު، ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ އެންގުޔެން ވެން ކުއެޓްގެ ވާދަވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީން ހޮވާލާފައިވަނީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ.

ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ކުއާރޓާ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު އެކި ކުޅިންތެރިންނަށް ކުރިއަށްދާ އިރު، ދަގަނޑޭއާ ވާދަކުރަމުން ދަނީ ހަނޯއީ އެފްސީއަށް 2017 ވަނަ އަހަރު ކުއެޓް ޖެހި ސިޒާ ކިކް ގޯލެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖާއި ގަދަ 16 ގައި ވެސް ބޮޑު ތާއީދަކާ އެކު އަޝްފާގު ވަނީ ކާމިޔާބު ހޯދައިފަ އެވެ.

މި ގޯލަކީ ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލު ކުރި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލެކެވެ. މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ އެ ބޯޅަ ގޯލަށް ވައްދާލީ "ޗިޕަކުން"ނެވެ. މީގެކުރިން އެ އިދާރާގެ ޕޭޖުން ހިންގާ އެންމެ ރީތި ސޯލޯ ގޯލް ޗެލެންޖުގެ އެއްވަނަ، ވޯޓުލީ މީހުންގެ ބޮޑު ތާއީދަކާ އެކު އަޝްފާގުގެ މިގޯލު ވަނީ ހޯދައިފަ އެވެ.

ކުރީ ދެބުރާ ޙިލާފަށް މިބުރުގައި އަޝްފާގަށް ވަނީ ވާދަވެރިކަން ބޮޑު ކުޅުންތެރިއަކާ ދިމާވެފަ އެވެ. ވޯޓުލުން ހުޅުވާލިތާ ދެ ގަޑިއިރު ތެރޭ އެންގުއެން ވެން ކުއެޓް ވަނީ ބޮޑު ލީޑެއް ނަގައިފަ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ގިނަ ސަޕޯޓަރުންތަކެއްގެ މިންނެތް މަސައްކަތުން އިއްޔެ ވަނީ ވޯޓުގެ ޕޯލުގައި އަޝްފާގު ކުރިއަށް ޖައްސައިފަ އެވެ.

އަޝްފާގަށް ވޯޓު އިތުރު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުންނާއި، ސިޔާސީ އަދި އެހެނިގެން ފަރާތްތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ބައެއްގެ މަސައްކަތުން އަޝްފާގަށް ކުރިލިބުނު ނަމަވެސް ރޭގެ ވަގުތެއްގައި ވިއެޓްނާމްގެ ކުޅުންތެރިޔާ ވަނީ އަނެއްކާވެސް މައްޗަށް ޖެހިލައިފަ އެވެ.

ނަމަވެސް ރާއްޖޭގެ ސަޕޯޓަރުން މިހާރު ވަނީ ދެ ވާދަވެރިންގެ ވޯޓު ދާދި އެއްހަމައަކަށް ގެނެސްފަ އެވެ. އެންމެ އިންސައްތައެއް ކުރީގައި އެންގުޔެން ވެން ކުއެޓް އޮތް އިރު، މިއަދުގެ 1:00 ޖެހުމުގެ ނިޔަލަށް މި ޕޯލަށް ވޯޓުލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް