ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން މުހައްމަދު މަލީހު ޖަމާލު ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ. އެމައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ10 މެމްބަރުންގެ ސޮޔާއި އެކު އެވެ.
މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި މަލީހު ހުންނަވާތާ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހަދާފައި ނުވާ ކަމަށެވެ. އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އަދި ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ބުނެފައިވެ އެވެ. އެ މަސައްކަތްތަކަށް މަލީހު ހުރަސް އަޅާފައިވާކަމުގެ ތުހުމަތު ކޮށްފައިވެ އެވެ.
https://twitter.com/MickailNaseem/status/1328055891925504000
މި މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅަން ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ)، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހިމެނެ އެވެ.
މަލީހުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށ ްވައްދަން އެމްޑީޕީ ޕީޖީއަށް ހުށަހަޅާފައި މިވަނީ އެމްޑީޕީއިން ތާއީދު ކުރާ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެ ކަމަށް މަލީހު ވިދާޅުވެފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުންނާއި އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި މަލީހަށް ވަރަށް ބޮޑަށް ފަޑުވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް