ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއީ ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި ދެ ވަނަ މީހާ އެވެ. އިއްޔެ ހެނދުނު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލްް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްއީއޯސީން ބުނީ ރޭ 11:32 ގައި މަރުވެފައިވަނީ އުމުރުން52 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ. އެމީހާ މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 44 ވަނަ މީހާ އެވެ. އަދި މިދިޔަ އަށް ދުވަސް ތެރޭގައި މި ބަލީގައި މަރުވި ފަސް ވަނަ މީހާ އެވެ.
މިދިޔަ ހަފްތާގެ އާދިއްތަ، އަންގާރަ އަދި މިދިޔަ ހޮނިރިރު ދުވަހުގެ އިތުރުން އިއްޔެ ކޯވިޑް ޖެހިގެން މީހުން މަރުވެފައިވެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޓިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވާ މީހުންނަކީ އެ ބަލީގައި އެޑްމިޓްކޮށްގެން ގިނަ ދުވަހު ފަރުވާ ދޭން ޖެހޭ މީހުން ކަމަށެވެ. އެގޮތުން ކޯވިޑުގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުން 14 ދުވަސް ތެރޭގައި ދޫކޮށްލި ނަމަވެސް މަރުވާ މީހުން 20 އަށްވުރެ ގިނަ ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 12،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލިން 11،000 އަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް