މުޅި ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ދުވާލެއްގެ މައްޗަށް އެތަކެއް ހާސް ކައިވެނި ކުރެއެވެ. އަދި ހަމަ އެއާއި އެކު ވަރިއަކީވެސް އެހާމެ ގިނައެއްޗެކެވެ. ގނަ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގައި އެވްރެޖުކޮށް ބަލާއިރު، ކުރާ ކައިވެންޏައްވުރެ ވަރިގިނައެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ބަލާލާއިރު، ރާއްޖޭގައި ވެސް ވަރީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ދުވާލެއްގެ މައްޗަށް 21 ކައިވެނިކުރެވޭއިރު ކޮންމެ ދުވަހަކީ ވެސް ގާތްގަނޑަކަށް 10 ކައިވެނި ރޫޅިގެން ދާ ދުވަހެކެވެ. ސަބަބަކީ ކޮބައިތޯއެވެ. ބައެއް މީހުންގެ ނަޒަރުގައި ދެމަފިރިން ވަރިވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ފިރިހެންމީހާއެވެ. އަނެއް ބަޔަކު ބުނާގޮތުން ވަރިވާން ޖެހެނީ އަންހެން މީހާގެ ސަބަބުންނެވެ.
ކޮންމެއަކަސް މި ލިޔުމުގައި މި އަލިއަޅުވާލަނީ މި ކަމާއި ގުޅިގެން އެމެރިކާގެ ތަޖުރިބާކާރުންތަކެއް ހަދާފައިވަ ދިރާސާ ރިޕޯޓަކަށެވެ.
"ހައު ކަޕްލްސް މީޓް އެންޑް ސްޓޭއި ޓުގެދާ" ގެ ނަމުގައި އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ދެމަފިރިންނަށް ބަލާއިރު ފިރިހެނުންނަށް ވުރެ ބޮޑަށް ވަރިވުމަށް ބާރު އަޅަނީ އަންހެނުންނެވެ.
އެމެރިކާގެ ތަޖުރިބާކާރުން ހެދި މި ދިރާސާގައި ބުނެފައިވާ ގޮތުން އެމީހުންގެ ދިރާސާގައި ބައިވެރިކުރި 2،262 މީހުންގެ ތެރެއިން 69 ޕަސެންޓް ވަރި އަކީ އަންހެނުން އެކަމަށް ބާރު އަޅައިގެން ނުވަތަ ބޭނުންވެގެން ކޮށްފައިވާ ވަރި ކަމަށެވެ. ފިރިހެނުންގެ މި ނިސްބަތް އުޅެނީ 31 ޕަސެންޓްގަ އެވެ.
އެމެރިކަން ސޯޝިއޮލޮޖިކަލް އެސޯސިއޭޝަން އިން އާންމުކޮށްފައިވާ މި ދިރާސާގައި އިސްކޮށް އުޅުއްވި ސްޓޭންފޯޑް ޔުނިވާސިޓީގެ އެސޯސިއޭޓް ޕްފޮރެސަރެއް ކަމުގައިވާ މައިކަލް ރޯޒެންފީލްޑް ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ދަތުރުގައި ދިމާވާ އަޑިގުޑަންތަކާ ކުރިމަތިލުމުގައި ފިރިހެނުންނަށް ވުރެ އަންހެނުން ނަފްސާނީ ގޮތުން ބަލިކަށިވުމަކީ ފަސޭހައިން ވަރިވުމަށް ނުވަތަ ކައިވެނި ނިންމާލަން އަންހެނުން ބާރު އަޅާ ސަބަބެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ވަރިވުމަށް އެދޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް ދިރާސާތަކުން ދެއްކިޔަސް އަދި އެއީ ހަގީގަތް ކަމުގައިވީ ނަމަވެސް އަންހެނުން މި ވާހަކަ ގަބޫލުކުރަން ދެކޮޅުހަދާނެކަން ޔަގީނެވެ. ގިނަ އަންހެނުން ބުނާ ގޮތުން ނަމަ އެމީހުންގެ ކައިވެނި ރޫޅިގެން ދިއުމުގެ އަސްލު ގުޅިފައި ވަނީ ފިރިންނާ އެވެ.
ފިރިން ބޭވަފާތެރިވުމުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ ޒިންމާ ފުރިހަމަ އަށް އަދާނުކުރެވުމުގެ ސަބަބުން އެމީހެއްގެ ގާތުން ވަރިވާން އަންހެން މީހާ ކޯޓަށް ދިއުމުން އެކަމުގައި އަންހެން މީހާ ކުށްވެރިވެގެނެއް ނުވާނެ އެވެ. ދިރާސާ އަށް ފަހު އާންމުކޮށްފައިވާ ރިޕޯޓްގައި ވެސް ބުނެފައި ވަނީ ޒަވާޖީ ހަޔާތުގައި އަންހެން މީހާ އުފުލަން ޖެހޭ ބުރައާ އެއްވަރުގެ ބުރައެއް ފިރިހެން މީހާ ވެސް އުފުލާ ނަމަ ވަރިވުމަށް ބާރު އެޅުމުގެ ފުރުސަތު އަންހެނުންނަށް މިހާރު ލިބޭ ވަރަށް ނުލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް