ﷲ ތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެކަމު އަނެކަކުގެ އެހީ އަށް ބޭނުން ޖެހޭ ގޮތާށެވެ.
ކަން މިހެން ހުރިއިރު، އަޅުގަނޑުމެން އެކަކު އަނެކަކުގެ ހިތާމަތަކާއި އުފާތަކުގައި ބައިވެރިވާންޖެހެއެވެ.
މުޖުތަމައުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި އުފާތަކުގައި ބައިވެރިވުން ހިމެނެއެވެ. އަދި ސަލާމް ކުރުމާއި، މުޖުތަމައުގެ އަފްރާދުން، އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ބަލިމީހުންގާތަށް ޒިޔާރަތް ކުރުން ހިމެނެއެވެ.
އެކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި ވެސް އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމީ ޔަގީންވާ ކަމެކެވެ.
މުޖުތަމައުގެ އަފްރާދުން، އެއް ބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމުގައި ފަސްޖެހިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭހަތް ގަބޫލުކުރުމުގައި ފަސްޖެހި، ލަދު ގަނެގެން ވެސް ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ދީނީ ހައްގެއްގެ ގޮތުގައި ނަސޭހަތްދިނުން ކަނޑައަޅުއްވާފައިވެއެވެ.
އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ދީނެވެ. އެލޯތްބާއި ގުޅުންތައް ބަދަހި ކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާދީން ވެސް މެއެވެ.
އެލޯތްބާއި ގުޅުންތައް އޮންނަންވީ ހަމައެކަނި ދިރިއުޅުމުގެ ހަޔާތުގައި އެކަންޏެއް ނޫނެވެ. ދިރިހުރިއިރު އޮތް ގުޅުންތާކައި ހައްގުތައް މަރުވުމަށްފަހުގައި ވެސް ދަމަހައްޓަން ޖެހޭނެއެވެ. އެހައްގުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި، ކަށުނަމާދުގައި ބައިވެރިވުމާއި މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގައި ބައިވެރިވުމާއި، މައްޔިތާއަށް ހެޔޮދުއާކުރުން ހިމެނެއެވެ.
މައްޔިތާއަށް އިސްތިގުފާރު ކުރުމާއި ރަހްމަތް ލެއްވުން އެދި ދުއާ ކުރުމާއި އޭނާގެ ގާތްތިމާގެ މީހުންނާއި އޮންނަ ގުޅުންތައް ދެމެހެއްޓުމާއި، ސަދަގާތް ދިނުމަކީ އެދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް