އެމެރިކާގެ އެއްބާރުލުމާއެކު ސޫރިޔާގެ އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ހަތިޔާރުއެޅި ހަނގުރާމަވެރި ކުރުދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހައްޔަރުކޮށްފައިވާ، އައިސިސް ގައިދީންގެ ތެރެއިން އެތައް ސަތޭކަ ގައިދީންނެއް މިނިވަން ކޮށްފި އެވެ.
ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވި ހަނގުރާމަވެރިންގެ ތެރެއިން ކުރުދީންގެ ބާރުގެ ދަށުގައި ހައްޔަރުކޮށްފައި ތިބި 600 އަށްވުރެ ގިނަ ހަނގުރާމަވެރިން މިނިވަން ކޮށްފައި ވަނީ ޢަފޫއާންމު އުސޫލުން ކަމަށް ޚަބަރު ލިބެ އެވެ.
ޤަމީޝްލީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ސީރިއަން ޑިމޮކްރަޓިކް ކައުންސިލްގެ އިސްވެރިޔާ އަމީނާ އުމަރު ބުނީ، މިނިވަން ކުރި ހަނގުރާމަވެރިންނަކީ އެމީހުންގެ "އަތްތައް، ލެއިން ތަޣައްޔަރުވެފައިވާ" ބައެއް ނޫން ކަމަށެވެ. އަދި އައިސިސްއާއި ގުޅެވުނީތީ އެ މީހުން ތައުބާވެސް ވެފައި ވާ ކަމަށާއި މިނިވަން ކުރި ހަނގުރާމަވެރިންނަކީ "އިސްލާހު" ވެވޭނެ މީހުން ކަމަށެވެ.
ސީރިއަން ޑިމޮކްރަޓިކް ކައުންސިލުން ބުނީ ބުރާސްފަތި ދުވަހު 631 ހަނގުރާމަވެރިއަކު މިނިވަން ކޮށްފައި ވާ ކަމަށެވެ. ހަމަ އެހެންމެ، 253 ހަނގުރާމަވެރިއެއްގެ ބަންދުގެ މުއްދަތުން 2 ބައިކުޅަ 1 ބައި މައާފު ކޮށްފައި ވާނެ ކަމަށާއި މިނިވަން ކޮށްފައިވާ ހަނގުރާމަވެރިންނަކީ، އެމީހުންގެ މައްޗަށް އިއްވާފައި ވާ ހުކުމުގެ 2 ބައިކުޅަ 1 ބައި ފުރިހަމަ ކޮށްފައި ވާ މީހުން ކަންވެސް އަމީނާ ވަނީ ފާހަގަ ކޮށްފަ އެވެ.
2014 ވަނަ އަހަރުން ފެށިގެން އިންތިހާއަށް ނުފޫޒުގަދަ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އައިސިސްގެ ބާރު ގަދަ ކުރަމުން ދަނިކޮށް، ސޫރިޔާއާއި އިރާގު ހިމެނޭ ސަރަހައްދުގައި އައިސިސްއަށް ބާރު ގެއްލުނީ، އެމެރިކާގެ އެއްބާރުލުމާއެކު، ސޫރިޔާގެ އިރުމަތީ އަވަށެއް ކަމަށްވާ ބާގޫޒްއަށް ކުރުދީ ބާރުގެ ސީރިއަން ޑިމޮކްރަޓިކް ފޯސަސް ވެރިވި ހިސާބުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް