ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި މިއަދު ހަވީރު ޑޭންޖަރަސް ބޯއީސްއާއި ދެކޮޅަށް ކުޅުނު މެޗު އައުޓްރީފް އެސްސީން ކާމިޔާބު ކޮށްފިއެވެ.
މި މެޗު އައުޓްރީފް އެސްސީން ކާމިޔާބު ކުރީ 3-5 ގެ ނަތީޖާއިންނެވެ.
ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު، މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މި މެޗުން މޮޅުވި އައުޓްރީފް އެސްސީންނެވެ. ނަތީޖާއެއްގެ ގޮތުން މިމެޗު އެޓީމުން ވަނީ ކާމިޔާބުވެސް ކޮށްފައެވެ. މި މެޗުގައި މޮޅުކުޅުމެއް ދެއްކި އަޙުމަދު ޞަބާޙު ތިން ލަނޑު ޖަހާ ހެޓްރިކު ފުރިހަމަ ކުރިއިރު، މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމުވެސް ލިބިފައިވަނީ އޭނާއަށެވެ.
އައުޓްރީފް އެސްސީގެ އިތުރު ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ އަޙުމަދު ހާނިމް އާއި ޒައިދަންއެވެ. އަދި ޑޭންޖަރަސް ބޯއީސްއަށް މި މެޗުގައި ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިޝްޤް މައުސޫމް އާއި ހަސަން ފަރީދުގެ އިތުރުން ހުސެއިން ފައިސަލް އެވެ.
މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ކަންމަތީ ސްޕޯޓްސް ކުލަބާއި ގޯޅި ޖޫނިއަރ ބައްދަލުކުރާއިރު، 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ޔުނައިޓެޑު ކިލާ އަދި ޑީޑީއެފް ދި ޖެނެރޭޝަންސްއެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ޑީކޭއެންޒެޑް އާއި ސުޕަސްޓާސް އެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް