ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ވެލެންސިއާ ޓީމުގެ ކޯޗަކަށް އަހުމަދު އާތިފް (އާތީ) ހަމަޖެއްސިއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ)ގެ އިތުރުން ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ވެލެންސިއާ އާއި ގުޅިއްޖެ އެވެ.
2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ވެލެންސިއާ ފުރަތަމަ ޑިވިޝަނުން އަލުން ފުރުސަތު ހޯދާފައިވާއިރު، އެކުލަބުން އަންނަނީ ޓީމު އިތުރަށް ވަރުގަދަކުރުމަށް ކުޅުންތެރިން ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެޓީމުގެ ކޯޗަކަށް އާތީ އާއި އަކްރަމް އަދި ޒާން ގެނެސްފައިވާއިރު، އެކަުލަބުން އަދިވެސް އިތުރު ކުޅުންތެރިން ހޯދާނެ ކަމަށް ބެލެވެއެވެ.
ވެލެންސިއާއާއި ގުޅުނު އާތީ ވަނީ މިދިޔަ ސީޒަނުގެ ވަކި ހިސާބަކަށް ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފަ އެވެ. އޭގެކުރިން އާތީ ވަނީ 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ އަށް ކޯޗުކޮށްދީ އެޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. ޔުނައިޓެޑް ވިކްޓްރީ ދޫކޮށްލުމަށް ފަހު އާތީ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.
އަކްރަމް އެނބުރި ކްލަބް ވެލެންސިއާ ގުޅުނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އަކްރަމް އަކީ ގިނަ އަހަރުތަކެއްގައި ވެލެންސިއާއަށް ކުޅެފައިވާ ކުޅުންތެރިއެއްވެސް މެއެވެ. އެގޮތުން އަކުރަމް ފުރަތަމަ ފުޓްބޯޅަ ކެރިއަރު ފެށީވެސް ވެލެންސިއާއިންނެވެ. 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އަކުންރަމް ވަނީ 2013، 2015 އަދި 2016 ވަނަ އަހަރު ވެލެންސިއާ އަށް ކުޅެފަ އެވެ. އަކުރަމް ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުލަބަކަށް ހެން ކުޅެދީފައެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ހިމެނެއެވެ.
ވެލެންސިއާ އަށް ބަދަލުވި ޒުވާން މިޑްފީލްޑަރު ޒާން ވަނީ ވެލެންސިއާއަށް ބަދަލުވުމުގެ ކުރިން ޔޫރަޕްގެ އެކި ޑިވިޝަންތަކުގައި ވެސް ކުޅެފައެވެ. އޭނާ އަކީ މިހާރުވެސް ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ކޯޗު އާތީގެ އިރުޝާދުގެ ދަށުން ވެލެންސިއާ އިން މާދަމާ ފަރިތަކުރުންތައް ފަށާނެ ކަމަށް ބެލެވޭއިރު، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މާޒިޔާވެސް މިހާރު ވަނީ އެޓީމުގެ އައު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށައިފަ އެވެ. އެއާއެކު މާޒިޔާ ވެފައިވަނީ އައު ސީޒަނަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އައު ސީޒަންގެ ކުޅުން މެދު ކެނޑިފައިވާއިރު، އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ދާދި ފަހުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުދިނުމުގެ ތެރެއިން ކުޅިވަރު ހަރަކާތްތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ. ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އާއި ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް