މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ، ހުއްދަވެގެންވާކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
އަދި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީހުންގެ ގޭތެރެބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ނުބެލުމަށާއި އެފަދަ ކަންކަން ކުރުމަކީ އަޚްލާޤީގޮތުން ވަރަށް ދަށުދަރަޖައިގެ ޢަމަލެކަމަށް ވެސް މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.
އަދި މަގުމަތީގައި ދުއްވާ ތަކެތިން މީހުންނަށް އުނދަގޫވާ ގޮތަށް ޢަމަލުކުރުމަކީ ހުއްދަކަމެއް ނޫންކަމަށާއި ވިއްސާރަ ދުވަސްދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރުދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި، ކަފިހިހުރަހު ގައި މަގުހުރަސްކުރަން ހުންނަ މީހާ އަށް ތަންނުދީ ތަކެތި ދުއްވުމާއި، ސިގުނަލް ނުދީ، ޤަވާޢިދާ ޚިލާފަށް، ވާތްފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތަށް ހަދައިގެން ދުއްވުމަކީ މަގުމަތީގެ އަދަބުތަކާއި ޚިލާފު ކަމެއްކަމަށް ވެސް މިއަދުގެ ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
މަގުމަތީގެ އަދަބުތަކާއި ޚިލާފަށް ހުރިކަންކަން، ރަސްމީ ފަރާތަކުން އެންގުމުގެ ކުރިން އަމިއްލަ ނަފްސަށް ފެނިގެން މިކަންކަން އިޞްލާޙު ކުރުމަށް އެންމެހައި މުސްލިމުތަކުންނަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެއެވެ.
އެގޮތުން ގޭގެ އިމާރާތާ ގުޅިގެން މަގުމައްޗަށް ވާގޮތަށް އަށިގަނޑުހެދުމާއި، މަގުމައްޗަށް ފެން ފައިބާގޮތަށް ގޭގެ ފުރާޅު ބެހެއްޓުމާއި، ގަސްގަހާގެހި ކެނޑުމާއި، ލަކުޑިއާއި، ކާބޯތަކެތި މަގުމަތީގައި ބެހެއްޓުން، މަގުމަތީގެ އަދަޔާ ޚިލާފުކަންކަމުގެ ތެރޭގައި ހިމެނޭކަމަށާއި މިކަންކަމަކީ، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާނެކަންކަމަށް ވެސް މިއަދުގެ ޙިތުބާގައި ބިދާޅުވެފައިވެއެވެ.
އިތުރަށް މިއަދުގެ ޙިތުބާގައި ވިދާޅުވީ މަގުމަތީގެ އަދަބުތަކާއި ޚިލާފަށް ކުރާ މިފަދަ ކޮންމެ ކަމަކީ އެތަނެއްގައި ދިރިއުޅޭ އެންމެންނަށް ގެއްލުން ހުރި ކަންކަމަށް ވާތީ، ރަސްމީ ފަރާތަކުން އެންގުމުގެ ކުރިން އަމިއްލަ ނަފްސަށް ފެނިގެން މިކަންކަން އިޞްލާޙު ކުރުމަށް އެންމެހައި މުސްލިމުތަކުންނަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް